ޔައުމިއްޔާ ނަންބަރު:  2008/89

ތާރީޚް:           17 ނޮވެމްބަރ 2008 ހޯމަދުވަސް    

 

                 

1.               ޖަލްސާ ފެއްޓުން.

 

ރިޔާސަތުން ވާހަކަދެއްކެވުން:   بسم الله الرحمن الرحيم، الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه. މަޖިލިސް ފެށުނީ.

 

2.   މެންބަރުން ހުށަހަޅާ ބިލު.

 

ރިޔާސަތުން ވާހަކަދެއްކެވުން:    މަޖިލިސް ފެށުނީ. އާދެ، އަޅުގަނޑު އެޖެންޑާ އައިޓަމްތަކަށް ދިއުމުގެކުރިން ދަންނަވާލަން ބޭނުންވަނީ ކޮމިޓީތަކުގެ، މިހާރު ބައެއް ކޮމިޓީތަކުގައި ވަރަށްގިނަ މަސައްކަތް އެބަހުއްޓޭ. އެހެންވީމަ، އެމަސައްކަތްތައް ވީހާވެސް އަވަހަކަށް ކޮމިޓީތަކުގެ ބައްދަލުވުންތައް ބާއްވަވައިގެން ކުރިއަށްގެންދަވާ ނިންމަވާލަދެއްވުން ވަރަށްބޮޑަށް އެދެމޭ. އަދި ވަކިން ޚާއްޞަކޮށް ގަވާއިދު ކޮމިޓީއަށްވެސް ވަނީ ވަރަށް މުހިންމު މައްސަލައެއް މަސައްކަތްތަކެއް ޙަވާލުވެފައި. އެއީ ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ކުރަންޖެހޭ ކަންތައްތަކެއް އެބައޮތް. އެހެންވީމަ، އެމަސައްކަތްވެސް ވީހާވެސް އަވަހަކަށް ނިންމަވާލަދެއްވާފައި މަޖިލީހަށް ގެނެސްދެއްވުން އެދެން. ދެން އަދި ހަމައެއާއެކު އަޅުގަނޑު ދަންނަވާލަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް އަދި ވަނީ ކަނޑަނޭޅި. އެހެންވީމަ، މާލިއްޔަތު ކޮމިޓީން މީގެކުރިންވެސް ޢަމަލުކުރައްވާފައި އޮތްގޮތުގެމަތީން ވީހާވެސް އަވަހަކަށް އެބައި ނިންމާލައްވާފައި މަޖިލީހަށް ފާސްކޮށްދެއްވުމަށް ގެނެސްދެއްވުމަށް އަޅުގަނޑު ދަންނަވަން. އާދެ، މިވަގުތު ހާޒިރުވެވަޑައިގެން ތިއްބެވީ 25 ޢިއްޒަތްތެރި މެންބަރުން. އާދެ، މިއަދު އެޖެންޑާ އައިޓަމް 1 ގައި މިއޮތީ މުލަކަތޮޅު މެންބަރު އަނީސާ އަޙްމަދު ހުށަހަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ބިލުގެ ދެވަނަ ކިއުމުގެ ބަޙުސްގެ މަރުޙަލާ ކުރިއަށްގެންދިއުން. އާދެ، އަޅުގަނޑަށް މިމައްސަލައާއި ބެހޭގޮތުން، މިބިލާ ބެހޭގޮތުން ވާހަކަދެއްކެވުމަށް ކޮންމެ ޢިއްޒަތްތެރި މެންބަރަކަށްވެސް ފުރަތަމަ ފުރުޞަތުގައި 7 މިނެޓް އަރުވަންކަމަށް. އެހެންވީމަ، އެގޮތުގެމަތީން މިހާރު ފުރުޞަތަށް އެދިވަޑައިގެންނެވުމުގެ ފުރުޞަތު އަޅުގަނޑު ހުޅުވާލައިފިން. އާދެ، މިބިލު...، ތ.އަތޮޅު ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޝަރީފް ނިޒާމާބެހޭ ނުކުތާއެއް.

 

(ނިޒާމާބެހޭ ނުކުތާ)

 

ކޮޅުމަޑުލު މެންބަރު މުޙަންމަދު   ޢިއްޒަތްތެރި ރައީސް، އަޅުގަނޑު އަބަދުވެސް ދައްކަމުންގެންދާ ވާހަކައެއް

ޝަރީފް ވާހަކަދެއްކެވުން:     މިހާރު މިއީ. މިހާރު ތައްގަނޑައަކާ އަޅާ ފިޓްކޮށްލީތޯއޭ 7 މިނެޓް. އަޅުގަނޑުމެން ބޭނުން 10 މިނެޓް، 15 މިނެޓް ވާހަކަދައްކަން މިކަމަށް. އެހެންވީމަ، 10 މިނެޓް އެންމެ މަދުވެގެންވެސް އަޅުގަނޑުމެންނަށް ބިލުތަކަށް ލިބެންޖެހޭ. މިހާރު މިކަން ތައްގަނޑަކަށްލާ އެންމެފަހުން ތިރިވަމުން ތިރިވަމުން އައިސް 2 މިނެޓަށްވެސް ނިންމަފާނެ. ޢިއްޒަތްތެރި ރައީސް، ޚުދުމުޙްތާރު ނުވެވޭނެ އިނގޭތޯ މިތާނގައި.

 

 

ރިޔާސަތުން ވާހަކަދެއްކެވުން:   އާދެ، އަޅުގަނޑު އެންމެފުރަތަމަ ފުރުޞަތު މިއަރުވަނީ މުލަކަތޮޅު ޢިއްޒަތްތެރި މެންބަރަށް އަނީސާ އަޙްމަދަށް. އާދެ، 10 މިނެޓްއިރު ބޭނުންފުޅުވާކަމަށްވަންޏާ އަޅުގަނޑު 10 މިނެޓްގެ ފުރުޞަތު އަރުވާނަން. ނިޒާމާބެހޭ ނުކުތާއެއް، ފ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޙަމްޒާ.

 

(ނިޒާމާބެހޭ ނުކުތާ)

 

ނިލަންދެއަތޮޅު އުތުރުބުރީ މެންބަރު     ޢިއްޒަތްތެރި ރައީސް، ތ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު ދެންމެ

އަޙްމަދު ޙަމްޒާ ވާހަކަދެއްކެވުން: އެވިދާޅުވިގޮތަށް މިހާރު އެގޮތަށް 10 މިނެޓް ދެއްވީތޯ ނުވަތަ ހުށަހަޅުއްވާ މެންބަރަށް އެކަނިތޯ 10 މިނެޓް ދެއްވަނީ. އެކަން ސާފުކޮށްލަދެއްވުން އެދެން.

 

 

ރިޔާސަތުން ވާހަކަދެއްކެވުން:   އަޅުގަނޑު ކޮންމެ ޢިއްޒަތްތެރި މެންބަރަކަށްވެސް 10 މިނެޓްގެ ފުރުޞަތެއް އަރުވާނަން. ދެން އަދި އިތުރަށް ބޭނުންފުޅުވަންޏާ ގިނަ މެންބަރުން ބޭނުންފުޅުވާކަމަށްވަންޏާ އެގޮތަށްވެސް އަޅުގަނޑުމެންނަށް ގެންދެވިދާނެ. ހަމަ ވަގުތުއެރުވޭނެ ވާހަކަ ދަންނަވަން. އަޅުގަނޑު މުލަކަތޮޅު ޢިއްޒަތްތެރި މެންބަރު އަނީސާ އަޙްމަދަށް ފުރުޞަތުއަރުވަން.

 

މުލަކަތޮޅު މެންބަރު އަނީސާ   ޝުކުރިއްޔާ، ޢިއްޒަތްތެރި ރައީސް. ޢިއްޒަތްތެރި ރައީސް،

އަޙްމަދު ވާހަކަދެއްކެވުން:     ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު އެމަޤާމާއި ޙަވާލުވެވަޑައިގެންނެވިފަހުން މި މަޖިލީހުގެ ތަޅުމުގައި އެއްޗެއް ދަންނަވަން މިއީ އަޅުގަނޑަށް ލިބޭ ފުރަތަމަ ފުރުޞަތުކަމަށްވާތީ އަޅުގަނޑު އެންމެ އިސްވާޖިބެއްކަމުގައި ދެކެނީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް މުލަކަތޮޅުގެ ރައްޔިތުންގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން. އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ.މުޙަންމަދު ވަޙީދު ޙަސަންމަނިކަށްވެސް އިޙްލާޞްތެރި ކަމާއެކީގައި ތަހުނިޔާ ދަންނަވަން. ހަމައެއާއެކު ވަރަށްގިނަ ދުވަސްތަކަކަށް ޤައުމުގެ އެންމެ މަތީވެރިޔާގެ ޙައިޞިއްޔަތުން ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވެވަޑައިގެންނެވި އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށްވެސް އަތޮޅުގެ ރައްޔިތުންގެ ނަމުގައި ވަރަށް އިޙްލާޞްތެރިކަމާއެކު ޝުކުރުދަންނަވަން މިފުރުޞަތުގެ ބޭނުންހިފަން. ޢިއްޒަތްތެރި ރައީސް، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކުގެ ބިލު އަޅުގަނޑު ހުށަހަޅާފައި މިވަނީ ޤާނޫނުއަސާސީގެ 128 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހަކު ކުށްވެރިނުވެ ޤާނޫނީ ހަމަތަކުގެމަތީން އެމަޤާމުން ވަކިވެއްޖެނަމަ ދައުލަތުގެ އެންމެ މަތީވެރިކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިއްޒަތާއި ޤަދަރާއި އެކަށީގެންވާފަދަ ރައްކާތެރިކަމާއި މާލީ ޢިނާޔަތާއި އެހެނިހެން ޢިނާޔަތްތައް ޙައްޤުވެގެންވާކަމަށާއި، މިގޮތުން ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ޤާނޫނެއްގައި ބަޔާންކުރެވިފައިވާނެކަމަށް ބުނެފައިވާތީ، އެމާއްދާގައި ބުނާފަދަ ރައްކާތެރިކަމާއި ޢިނާޔަތްތަކުގެ ތަފްޞީލުތައް ބަޔާންކުރާ ބިލެއް ހުށަހެޅުމުގެ ބޭނުމުގައި. ޢިއްޒަތްތެރި ރައީސް، މިބިލުގައި ހިމަނާފައިވާ މައިގަނޑު ބައިތަކަށް އަޅުގަނޑު ބަލާލާނަން. އެއީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވެފައިވާ މީހަކަށް ދައުލަތުގެ ޢިއްޒަތްތެރިންގެ ތެރެއިން އެންމެ އިސް ޢިއްޒަތްތެރިޔާގެ ޝަރަފާއި ލަޤަބު ދެވެންވާނެކަމާއި، އެމީހަކު ޝަރަފުވެރިކަމާއެކު ދިރިއުޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާކަމުގެ ޕެންޝަންގެ ގޮތުގައި އެކަށީގެންވާފަދަ އަދަދަކަށް މަހުންމަހަށް މާލީ ޢިނާޔަތް ލިބިދޭނެގޮތް ހަމަޖެހެންވާނެކަމާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ އެންމެ މަތީވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިއްޒަތާއި ޤަދަރާއި ރައްކާތެރިކަންމަތީ ދިރިއުޅެވޭނެގޮތަށް ދިރިއުޅޭނެ ތަނެއް ދައުލަތުން ހަމަޖައްސައިދޭންވާނެކަމާއި، އެމީހެއްގެ ސަލާމަތީ ކަންތައްތައް އެދެވޭގޮތެއްގައި ހަމަޖައްސައިދެވެންވާނެކަމާއި، މުޖުތަމަޢުއަށް ފައިދާކުރުވަނިވި މަސައްކަތެއްކުރުމަށް މަގުފަހިވާގޮތަށް އެކަމަށް ބޭނުންވާ އޮފީސް ސްޕޭސްއާއި އަދި އިދާރީ މުވައްޒަފުންވެސް ހަމަޖައްސައިދޭންވާނެކަމާއި، އެމީހަކަށް ބޭނުންވާ އެންމެހާ ޞިއްޚީ ޙިދުމަތްތައް އެދެވޭގޮތެއްގައި ލިބޭނެގޮތް ހަމަޖައްސައިދޭންވާނެކަމާއި، ރާއްޖޭގެ އެތެރޭގައި ކަނޑުމަގުންނާއި އެއްގަމުމަގުން ދަތުރުކުރުމުގެ އިންތިޒާމުތައް ދައުލަތުގެ ފަރާތުގައި ހަމަޖައްސައިދޭންވާނެކަމާއި، އަހަރަކު އެއްފަހަރު ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ ޚަރަދުވެސް ހަމަޖައްސައިދޭންވާނެކަމާއި، އަދި މީގެއިތުރަށް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހެއްގެ އަނބިމީހާއަށްވެސް ސަލާމަތީ ކަންތައްތައް ހަމަޖައްސައިދޭންވާނެކަމާއި، އަދި މަހަކު އެއްފަހަރު ފައިސާގެ އެލަވަންސެއްގެ ގޮތުގައިވެސް ފައިސާ ލިބެންވާނެކަމަށް މިބިލުގައި ހިމަނާފައިވާނެ. ޢިއްޒަތްތެރި ރައީސް، އަޅުގަނޑު މިބިލު ހުށަހަޅާ ހުށަހެޅުމަށްފަހު މެންބަރުންނަށް މިބިލު ލިބިވަޑައިގަތުމުން ބައެއް ޢިއްޒަތްތެރި މެންބަރުން މީގައި ހުރި ބައެއް ކަންތައްތަކާބެހޭގޮތުން އަޅުގަނޑާ މަޝްވަރާކުރެއްވި. އޭގެތެރޭގައި އެ ޢިއްޒަތްތެރި މެންބަރުންނަށް އެބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި މި ބިލުގައި ހުރި ބައެއްކަންތައްތައް އަޅުގަނޑު ހުށަހަޅާފައިވާގޮތަށް ބަލައިގަތުމަށް އެންމެ ފަސޭހަފުޅުނުވާނެކަމަށް ފާހަގަކުރެއްވި ބައެއްކަންތައްތަކާ ބެހޭގޮތުން އަޅުގަނޑުވެސް އިތުރަށް ވިސްނާފައި، އަޅުގަނޑަށްވެސް ބަލައިގަނެވޭނެ ބައެއްކަންތައްތައް އިޞްލާޙުގެ ގޮތުގައި މިހާރު އަޅުގަނޑު ހުށަހަޅާއިރުވެސް ފާހަގަކޮށްލަން ބޭނުންވޭ. އޭގެތެރެއިން އެއްކަމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޕެންޝަންގެ ގޮތުގައި ތިންވަނަ މާއްދާގައި މިބުނާ، އަޅުގަނޑު ބިލުގައި ހުށަހަޅާފައި މިއޮތީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަ މީހަކަށް އެމަޤާމުގައި ހުންނަ މީހަކަށް މުސާރައިގެ ގޮތުގައި ލިބޭ އަދަދާއި އެއްވަރުގެ ޕެންޝަނެއް ލިބެންވާނެކަމަށް. އެއީ އެންމެ ރަނގަޅުގޮތްކަމަށް ފާހަގަނުކުރެވޭތީ އަޅުގަނޑަށްވެސް މިހާރު ޤަބޫލުކުރެވޭ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކަށް މުސާރައިގެ ގޮތުގައި ލިބޭ އެއްޗެއްގެ 4/3 ބައި ލިބޭގޮތަށް އަޅުގަނޑު މިހާރު އަޅުގަނޑު ހުށަހަޅާއިރުވެސް އިޞްލާޙުގެ ގޮތުގައި ހުށަހަޅާ ވާހަކަ ދަންނަވާލަން. ހަމައެއާއެކީގައި ޗުއްޓީ ހޭދަކުރުމުގެ ކަންތަކުގައިވެސް ބިލުގައި މިއޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވެފައިވާ މީހަކަށް ކޮންމެ އަހަރަކު އެއްމަސްދުވަހުގެ ޗުއްޓީއެއް އެމީހަކު އެދޭތަނެއްގައި ހޭދަކުރުމަށްޓަކައި އެކަމާގުޅޭ އެންމެހާ ޚަރަދުތައް ދައުލަތުގެ ފަރާތުގައި ހަމަޖައްސައިދޭންޖެހޭނެކަމަށް. މިކަމަކީވެސް ބަލައިގަންނަން އެންމެ ފަސޭހަކަމަކަށް ނުވެދާނެކަމަށް ބައެއް ޢިއްޒަތްތެރި މެންބަރުން ފާހަގަކުރައްވާފައިވާތީ އަޅުގަނޑުވެސް އެކަން ޤަބޫލުކޮށް އަޅުގަނޑުވެސް މިހާރު ޤަބޫލުކުރާގޮތުގައި ޗުއްޓީ ހޭދަކުރުމަށް އެލަވަންސެއްގެ ގޮތުގައި ކޮންމެވެސް އެއްޗެއް މަހަކު އެއްފަހަރު. ކޮންމެވެސް އެއްޗެކޭ އަޅުގަނޑު މިދެންނަވަނީ އަހަރަކު އެއްފަހަރު ލިބިވަޑައިގަންނަވާ އެއްޗަކީ މިސާލެއްގެ ގޮތުގައިވިއްޔާ ޕެންޝަންގެ ގޮތުގައި އެލިބޭ ވަރެއްގެ، 3 މަހުގެ ޕެންޝަނަށް ލިބޭވަރު ނަމަވެސް އެއީ އަހަރަކު ޗުއްޓީ ހޭދަކުރުމަށް އެ ޚަރަދުގެ ގޮތުގައި އެލަވަންސެއް ލިބޭނެގޮތް ހަމަޖެހިގެން ހިނގައްޖެއްޔާ އަޅުގަނޑު ދެކޭގޮތުގައި ހަމަ މިބިލުގެ މަޤުޞަދު އެގޮތުންވެސް ފުރިހަމަވޭ. ހަމައެއާއެކީގައި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހެއްގެ އަނބިމީހާއަށް ދޭ އެލަވަންސްވެސް، އަޅުގަނޑު މީގައި ކުރިން މިދެންނެވިހެން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިވާ މީހަކަށް ޕެންޝަނުގެ ގޮތުގައިދޭން ބިލުގައި ހުށަހަޅާފައި އެއޮތް އެއްޗެއްގެ 2/1 އަނބިމީހާއަށް ލިބޭގޮތަށް އޮންނާނީ. އެހެންވީމަ، މިހާރު އަޅުގަނޑު ކުރިން މިދެންނެވި އިޞްލާޙާއެކީގައި އެބަދަލު އަންނައިރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހެއްގެ އަނބިމީހާއަށް ދޭ އެލަވަންސްވެސް ހަމަ އެނިސްބަތުން ކުޑަވެގެން އަންނާނެ. އެއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަ މީހަކަށް ލިބޭ މުސާރައިގެ 4/3 ގެ 2/1 އަނބިމީހާއަށް އެލަވަންސްގެ ގޮތުގައި ދިނުމަށް. ޢިއްޒަތްތެރި ރައީސް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަ މީހަކު މަޤާމުން ވަކިވީމަ ދިރިއުޅޭނެ ތަނެއް ހަމަޖައްސައި ދިނުމުގެ ކަންތަކުގައި ބައެއް ޢިއްޒަތްތެރި މެންބަރުން ވިދާޅުވަނީ އެތަނެއް އެގޮތަށް އިމާރާތެއް ހަމަޖައްސައިދިނުމުގެ ކަންތަކުގައިވެސް ވިސްނާލުން އެންމެރަނގަޅޭ. އަޅުގަނޑު އެެކަމާ ވިސްނާލާއިރު އަޅުގަނޑު ހިތަށްއަރަނީ ޤާނޫނުއަސާސީގައި މިބުނާ ޢިއްޒަތާއި ޝަރަފާއި ރައްކާތެރިކަމާއި މިހުރިހާ ކަމަކަށް ވިސްނާއިރު އެލަވެންސެއްގެ ގޮތުގައި ފައިސާދީގެން އެމީހަކު އަމިއްލައަށް ތަނެއް ކުއްޔަށް ހިފައިގެން ހުންނަކަމަށްވެއްޖީވިއްޔާ އަޅުގަނޑުމެންވެސް އާދައިގެމަތިން ކުއްޔަށް ތަންތަނުގައި އުޅޭއިރު މިދިމާވާކަހަލަ ބައެއް މައްސަލަ ދިމާވެދާނެ. ސަލާމަތީގޮތުންވެސް އެންމެ އެދެވޭގޮތަށް ނޫންތަނަކަށްވެސް ވެދާނެ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ހަމަ އިމާރާތެއް، އެއީ އެޕާޓްމަންޓެއް ކުއްޔަށްހިފާފައި ދަޢުލަތުގެ ތަނެއްގެ ގޮތުގައި ހުންނަތަނެއް ހަމަޖައްސަވާދެއްވުން ނަމަވެސް. ދަޢުލަތުން  ބަލަހައްޓަވާ ތަނެއް، ކޮންމެހެން އެއީކީއެއް އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑުމެންގެ ވިސްނުމަށް ކުއްލިއަކަށް މިއަންނަނީ މުލިއާގެ، ހިލާލީގެ، އެކަހަލަ އަޅުގަނޑުމެންގެ ޤައުމުގައި ހުރި އެކަހަލަ ތަންތަނުގެ ވާހަކަކަމަށްވުން އެކަށީގެންވޭ. ކޮންމެހެން އެހެންނެއްނޫން އަޅުގަނޑު މިހުށަހަޅަނީކީ. އަޅުގަނޑު މިހުށަހަޅަނީ އެމީހަކަށް އެކަށީގެންވާ ޤަދަރާއި ޝަރަފާއި ރައްކާތެރިކަމާ މިހުރިހާކަމެއް ޤާނޫނުއަސާސީގައި ބުނާފަދައިން ލިބޭނެގޮތަކަށް ދިރިއުޅެވޭނެތަނެއް ހަމަޖައްސަވައިދިނުމަށް. އެއީ ދަޢުލަތުން ބަލަހައްޓަވާ ކޮންމެވެސް ތަނަކަށްވުން އަޅުގަނޑު މިދަންނަވަނީ. އެހެންނޫނީވިއްޔާ މަރާމާތުކުރުމާއި އެކަހަލަ ހުރިހާކަމެއްވެސް  އަމިއްލައަށް ބަލަހައްޓަންވެއްޖީވިއްޔާ އަޅުގަނޑުމެން ޤާނޫނުއަސާސީގައި މިބުނާ ޢިއްޒަތާއި ޝަރަފާއި މިހުރިހާކަމެއް އެދެވޭގޮތެއްތައި ހިފެހެއްޓޭނެކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ. ޢިއްޒަތްތެރި ރައީސް، އަޅުގަނޑަށް ހީވަނީ އަޅުގަނޑު މާގިނަ ވާހަކަތަކެއް މިކަމާބެހޭގޮތުން ދެއްކުމުގެ ބޭނުމެއްނެތްހެން. ބިލުގައި ވަރަށް ތަފްޞީލުކޮށް ހުރިހާކަމެއް ހިމަނާފައި އޮންނާނެ. އަޅުގަނޑު މިހުށަހެޅި އިޞްލާޙުތަކާ އެކީގައި މިބިލުގެ ކަންތައްތަކާދޭތެރޭ ވިސްނާވަޑައިގަންނަވާ މިބިލުގެ ހުރި މާއްދާތަކަށް ޢިއްޒަތްތެރި މެންބަރުންގެ ޚިޔާލުފާޅުކުރައްވާ އަވަހަށް ނިންމާދެއްވާނެކަމުގެ އުއްމީދު އަޅުގަނޑުގެ އެބައޮތް. އެހެންކަމާއެކީގައި އަޅުގަނޑު މިވަގުތު އިށީންނާނަން. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.

 

މާޅޮސްމަޑުލު އުތުރުބުރީ މެންބަރު      `. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އައްސަލާމްއަލައިކުމް

އިބްރާހީމް ޝަހީދު ޒަކީ        ވަރަޙްމަތުﷲ ވަބަރަކާތު. ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ

ވާހަކަދެއްކެވުން:             މީހުންނަށް ޤާނޫނުއަސާސީގެ ދަށުން ދޭންޖެހޭ ޢިނާޔަތްތަކާއި ރައްކާތެރިކަމާ ބެހޭގޮތުން އެކުލަވާލާފައިވާ ބިލާބެހޭގޮތުން އަޅުގަނޑަށް ފެންނަ ބައެއްކަންތައ