އަޅުގަނޑުގެ ވޯޓު ޤާސިމަށްދޭން ޖެހުނު ސަތޭކަ ސަބަބު

 

ޤާސިމަށް ވޯޓުދޭންޖެހުނު ތިންވަނަ ސަބަބު

1-     އެންމެ ތަސައްވުރު ހުރި (ވިޜަނަރީ) ކެންޑިޑޭޓު

ވަރަށް މަދު މީހަކަށް މެނުވީ ހަޔާތަށް މަގުސަދެއް ކަނޑައަޅަން ނޭނގެއެވެ. އަދި މަގުސަދެއް ކަނޑައެޅުނަސް އެކަން ހާސިލުކުރަން މަސައްކަތްކުރާ މީހުންގެ ޢަދަދު އެއަށްވުރެ މަދެވެ. މަޤުސަދު އޮންނަ މީހުންނަށް ކުރިމަގު ފެންނާނެއެވެ. އަދި މަޤުސަދު އޮންނަ މީހުންނަށް ކުރިމަގުގެ ތަސައްވުރު ހިތުގައި ކުރަހާލެވެއެވެ. އެއަށް ފަހު ލިބެންހުރި ހުރިހާ ވަސީލަތެއް އެ ތަސައްވުރު ހާސިލުކުރަން ހޭދަކުރެއެވެ. މިފަހަރުގެ ރިޔާސީ ކެންޑިޑޭޓުންނަށް ބަލާއިރު ޤާސިމްފަދަ ވިޜަނަރީ ބޭފުޅަކު ނެތެވެ.

ފާއިތުވި ފަންސަވީހަކަށް އަހަރު ޤާސިމް ހާސިލުކުރައްވާފައިވާ ކާމިޔާބީތަކަށް ރިއާޔަތްކުރާއިރު އެންމެ ވިޜަނަރީ ބޭފުޅަކަށް ހޮވަންޖެހެނީ އޭނާއެވެ. ވިޔަފާރީގައި އޭނާ ކާމިޔާބު ހޯއްދެވީ އިޖުތިމާޢީ ޒިއްމާ ފުރިހަމައަށް އަދާކުރައްވަމުންނެވެ. މިއީ ވިޜަން ނެތް މީހުންނަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. ދުރާލާ ކަންކަން ދެނެގަނެ މުޖުތަމަޢުގެ ބޭނުންތައް ފުދޭނޭހެން ކަންކަން ބައްޓަންކުރުމަކީ ވިޜަނަރީ މީހުންގެ އުސޫލެވެ. އދ. މާމިގިލީގައި ޤާސިމް ހައްދަވާ އެއްރޕޯޓުން އެކަނި އޭނާގެ ދުރުވިސްނުމާއި ޚިޔާލްގެ ތަނަވަސްކަން އެނގެއެވެ.

މިޤައުމަށް މިހާރު ބޭނުންވަނީ ސިޔާސީ ހަރަކާތްތެރިއެއްނޫނެވެ. ނުވަތަ އަރުޒަލިލް އުމުރަށް އެޅެމުންދާ ދީނީ ޢިލްމުވެރިއެއްވެސް ނޫނެވެ. ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރުގެ އިންޤިލާބީ ފުލުހެއްނޫނެވެ. ނުވަތަ ތަޞައްރަފްނުފުދޭ ޤާނޫނީ ޢިލްމުވެރިއެއްނޫނެވެ. ނުވަތަ ދޮގުހެދުމުގައި އަރާހުރި ޢިލްމުވެރި ޚާއްޞައެހީ ބޭނުން މީހެއްނޫނެވެ. އެކަމަކު އެކަމަކު ތަނަވަސް ޚިޔާލާއެކު މި ޤައުމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ވިޜަނަރީ ބޭފުޅެކެވެ.

ޤާސިމަކީ ފަންސަވީހަކަށް އަހަރުން ވިޔަފާރީގެ އެންމެ ބޮޑު މަރުކާ 'ވިލާ' ރާއްޖޭގައި ޤާއިމްކުރެއްވި ނަފާވެރިޔާއެވެ. ދާންވީ މިސްރާބާއި މަންޒިލް މަޤުސޫދު ނޭނގި މިވަރުގެ ކާމިޔާބެއް ނުހޯދޭނެއެވެ. ނުވަތަ ތިމާގެ ކުރިމަގާމެދު ތަނަވަސްކޮށް ވިސްނަން ނޭނގޭ މީހަކަށް މިވަރެއްނުކުރެވޭނެއެވެ. މިސަބަބަށްޓަކައި ޤަބޫލުކުރަންޖެހެނީ ރާއްޖެއަށް ބޭނުންވާފަދަ ވިޜަނަރީ ބޭފުޅަކަށް ޤާސިމް ވެވަޑައިގަންނަވާކަމެވެ.

ޤާސިމަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ ލީ ކުއާން ޔޫ ސިންގަޕޫރަށް ގެންނެވިފަދަ އެންމެ ޒަމާނީ ތަރައްޤީ މިޤައުމަށް ގެންނާނެކަމާމެދަކު ޝައްކެއްނެތެވެ. ޤާސިމްފަދަ ތަސައްވުރު ހުރި ބޭފުޅަކަށް މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުނުކުރެވިއްޖެނަމަ ރާއްޖެ އަނެއްކާވެސް ދާނީ 30 އަހަރު ފަހަތަށެވެ.

ކޮންމެ ޤައުމަކަށްވެސް އެ ޤައުމަކަށް އެންމެ ބޭނުންވާ ތަރައްޤީ އަންނަނީ ވިޜަނަރީ ބޭފުޅުންގެ ސަބަބުންނެވެ. އެފަދަ ބޭފުޅުން ފުރަތަމައިނުންވެސް ކުރައްވާނެ ކަމަކީ ޤައުމަށް ތަސައްވުރެއް ކަނޑައެޅުމެވެ. އެއީ ދިހަ އަހަރު ނުވަތަ ފަނަރަ އަހަރު ފަހުން ޤައުމު އޮންނާނެ ގޮތް ނުވަތަ ޤައުމު އޮންނަންޖެހޭގޮތް ޚިޔާލުކުރެއްވުމެވެ. އެއަށްފަހު ޚިޔާލީ (ހުވަފެނީ) ޤައުމު ޙަޤީޤަތަކަށް ހެދުމުގެ ބުރަ މަސައްކަތްކުރެވެއެވެ. ފާއިތުވި ވިއްސަކަށް އަހަރު ވިޜަނަރީ ބޭފުޅެއް ރާއްޖޭގެ ވެރިކަމުން ނުފެނުމުގެ ނަތީޖާއަކަށްވީ ކުދިކުދި ބަކަރި ކޮށި ތަކެއްފަދަ ރަށްރަށުގައި އަދިވެސް ކުދިކުދި ބައިގަނޑަށް ދިވެހިން ދިރިއުޅުމެވެ.

ވިޜަނަރީ މީހުންނަކީ އަމިއްލަ ޖާހާއި ޢިއްޒަތްބޮޑުކުރަން އުޅޭ ބައެއްނޫނެވެ. ޤާސިމުގެ އަމިއްލަ ފުޅު ހަޔާތުން މިކަން ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާއަކީ އެންމެ މުއްސަނދި އެކަމަކު އެންމެ އާދައިގެ ދިރިއުޅުމެއްގައި އުޅުއްވާ ބޭފުޅެކެވެ. އެހެންކަމުން ވިޜަން އެއް ނެތް މީހެއްގެ އަތަށް މިޤައުމުގެ ހުންގާނު ދޫކޮށްލުމަކީ ޤައުމުގެ ހާލަތު އިތުރަށް ގޯސްކުރުމެވެ. މިސަބަބަށްޓަކައި އަޅުގަނޑު ވޯޓުލާނީ ޤާސިމަށެވެ.

(ނުނިމޭ)