އެމް.ޑީ.ޕީ އަކީ ސަރުކާރުން ބޭނުންގޮތަކަށް އަނބުރަން އޮތް ބުމަރެއް!

އަލިފު

ދިވެހިރާއްޖެ ޑިމޮކްރަސީއާ ދިމާއަށް މަޑުމަޑުން ނަމަވެސް މިދަނީ ދިވެހިންގެ ގިނަބަޔަކު ދަލާއި ލޭއޮހޮރުވައިގެންކަމީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއްނޫނެވެ. 2004 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 12 އަދި 13 ވަނަ ދުވަހު ރައްޔިތުންގެ އަޑު އުފުލުމަށް ޖުމްހޫރީ މައިދާނަށް އެއްވި ޙާދިސާއަށްފަހު، ޤައުމުގެ އެތެރެއާއި ބޭރުން ފިއްތަމުންދިޔަ ފިއްތުންތަކުގެ ސަބަބުން، ޑިމޮކްރަސީގެ ރަހަ ދިވެހިންގެ ކަރުބުޑުން މިއަދު ލާންފަށާަފައި ވިނަމަވެސް، ޑިމޮކްރަސީގެ ރޫހާއި، ދިވެހި ރައްޔިތުންގެ ވިންދާ ޚިލާފަށް މަސައްކަތްކުރާ ބަޔަކު އަދިވެސް މިޤައުމުގައި އެބަތިއްބެއެވެ. ހިތާމަކުރަންޖެހޭ ކަމަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައީ ތިމަންމެންކަމަށް ބުނެ ދައުވާކުރަމުންދާ އެމް. ޑީ. ޕީ އަކީވެސް ޑިމޮކްރަސީގެ ރޫޙާޚިލާފަށް ވަކިބައެއްގެ އެޖެންޑާއެއް ކޮނޑަށްލައިގެން ދުވަމުންދާ ބަޔަކަށް މިއަދު ވެފައިވުމެވެ. މއ. ކިނބިގަސްދޮށުގެ މައުމޫން ޢަބްދުލްޤައްޔޫމަކީ ޚާއިނެކޭ، އޭނާ މިޤައުމުގެ ތަޚުތުން ބާލާނަމޭ، އެންމެ ތިސްމަސްދުވަހުގެތެރޭގައި ބާލާނަމޭ، އޭނަ މިޤައުމަށް ކޮށްދިން އެއްވެސް ހެޔޮކަމެއްނެތޭ ބުނެ ކަރުން ނާރުނަގައި ގޮވަމުންދިޔަ އެއްކަލަ ޖަމާޢަތް މައުމޫނުގެ ބުމަރަށްވެ، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވޭ މަސައްކަތަށް ކުރިމަތިވެފައިވާ ހުރަހަކަށް މިއަދު ވެގެން ގޮސްފައިވުމެވެ.

ތެދެކެވެ. އެމް. ޑީ. ޕީ އުފެދުމުގެ މަރުޙަލާގައި، އެޕާޓީގައި އިސްލާޙަށް މަސައްކަތްކުރި މީހުން ތިއްބެއެވެ. ނަމަވެސް އެމް. ޑީ. ޕީ އަކީ އެޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ވަޑައިގެންނެވި އަލްފާޟިލް މުޙައްމަދު ނަޝީދުގެ ވާރުތަ މުދަލެއްކަމުގައި އޭނާއަށް ޤަބޫލުކުރެވުނު ހިސާބުން ފެށިގެން، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ބުރަ މަސައްކަތުގައި ހޭދަކުރި މީހުން ވަނީ މަޑުމަޑުން އެޕާޓީއާ ފެއަށްޖެހެމުން ގޮސް އެޕާޓީ މުޅިން ދޫކޮށްލާފައެވެ. އިސްލާޙަށް މަސައްކަތްކުރި މިދެންނެވުނު ގިނަ މީހުން މިއަދު މަސައްކަތްކުރަމުން ދަނީ ޖުމްހޫރީ ޕާޓީގައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މުޙައްމަދު ނަޝީދު (އަންނި) އާއި، އޭނާގެ އެއުވާނުންނަށް މިމަންޒަރު ބަލަން ކެތްނުކުރެވުމެވެ. ރައްޔިތުންގެ މަޖިލީހުގެ  މެޖޯރިޓީ ދާދި އަވަހަށް ތިމަންމެން އަތުލާނަމޭ ގޮވަމުންދިޔަ ހުރިހާ ގޮވެލިފަތިއް ފަރިއްސަށްވެ ނިމިގެން ދިއުމެވެ. ނަތީޖާއެއްގެ ގޮތުން އެމް. ޑީ. ޕީ ދޫކޮށް ދިޔަ މިދެންނެވުނު ފަރާތްތަކާމެދު އެބައިމީހުންގެ ހިތުގައި އުފެދުނު ޙަސަދަވެރިކަން ކޮޅުންލައި، ވެވުނު ކޮންމެގޮތަކުން އެފަރާތްތަކަށް، އާދެ ޖުމްހޫރީ ޕާޓީއަށް ޖެއްސުންކޮށް، ދުއްތުރާ ކުރަމުން ގެންދިއުމެވެ. މައުމޫނަކީ ޚުދުމުޚުތާރުވެރިޔެކޭ، ޑިމޮކްރަސީގެ ދުޝްމަނެކޭ ގޮވަމުންދިޔަ މީހުން ކިޔަމުންދިޔަ ލަވައިގެ ރާގު ބަދަލުވެ، މައުމޫނަކީ ވެސް ރަނގަޅު ބޭފުޅޭ، ޤައުމަށް ރަނގަޅު ކަންތައްތަކެއް ކޮށްދެއްވާފައި ހުންނެވި ބޭފުޅެކޭ ބުނަންފެށުމެވެ. ވެރިކަމުގައި ތިބީ ޑިމޮކްރަސީގެ ދުޝްމަނުންނޭ ގޮވަމުން ދިޔަ މީހުން، ކިބަޅިފަރާތުގައި ސިއްރު ބައްދަލުވުންތައް ބާއްވައި، ވެރިކަމުގައި ތިބި ފަރާތްތަކާ އެއްކޮށް ޑީލްތައް ހަދަންފެށުމެވެ. މުޙައްމަދު ނަޝީދު (އަންނި) ގިނިކަންޏާ ސިއްރުވެރި ގޮތެއްގައި ރައީސްއޮފީހަށް ވަޑައިގެންނެވި ވާހަކައަކީ އަޅުގަނޑުމެން އެންމެންވެސް އަހާފައިވާ ބާ ވާހަކައެކެވެ. މިފަދަ އެތައް ބައްދަލުވުމެއް ބޭއްވުނުފަހުން، އިންތިޤާލީ މަރުޙަލާގެ އިލެކްޝަން ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމުގައާއި، ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި ކަންހިނގައިދިޔަ ގޮތް ވެސް އެނގިވަޑައިގަންނަވާނެއެވެ.

އިންތިޤާލީ މަރުޙަލާގެ އިލެކްޝަން ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމުގައި ޖުމްހޫރީ ޕާޓީއާއި، ޖުމްހޫރީ ގުޅުމުގައި ހިމެނޭ ޢަދާލަތު ޕާޓީން ހުށަހެޅި ދެނަން (މިދެންނެވުނު ސިއްރުވެރި ޑީލްތަކުގެ ސަބަބުން) ޑީ. އާރު ޕީ އާއި އެމްޑީޕީ ގުޅިގެން ފެއިލްކޮށްލާފައިވާއިރު، އިންތިޤާލީ އިލެކްޝަން ކޮމިޝަނަށް ޕީޕަލްސް ޕާޓީން ހުށަހެޅި ފުޢާދު ތައުފީގުގެ ނަން އެމް. ޑީ. ޕީން ބާރުއަޅައިގެން ވަނީ ފާސްކޮށްފައެވެ. މއ. ކިނބިގަސްދޮށުގެ މައުމޫން ޢަބްދުލް ޤައްޔޫމަކީ ޑިމޮކްރަސީގެ ހަތުރެކޭ، ޤައުމުން އުފުރާލަންޖެހޭ ކަށްޓެކޭ ގޮވަމުންދިޔަ އެއްކަލަ ބައިގަނޑުގެ ބާރުގައި އިލެކްޝަން ކޮމިޝަނަށް ގެނައި މިދެންނެވުނު ފުޢާދު ތައުފީޤު އިލެކްޝަން ކޮމިޝަނުގައި ސަރުކާރާއެއްކޮޅަށް ވޯޓު ދީގެން، ކުރިއަށްއޮތް ރިޔާސީ ދައުރަށް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްުޔޫމަށް ކުރިމަތިލެވޭ ގޮތަށް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ފާސްކޮށްފައެވެ. މައުމޫނު ޢަބްދުލް ޤައްޔޫމުގެ ސަރުކާރު ބަދަލުކުރުމުގެ ރޫޙުގައި އެމް. ޑީ. ޕީ އޮތްނަމަ އިލެކްޝަން ކޮމިޝަނަށް މެމްބަރުން އައްޔަންކުރިދުވަހު، މަޖިލީހުގެ ތަޅުމުގައި އެމް. ޑީ. ޕީން ބާރުއެޅީހީ، ޖުމްހޫރީ ޕާޓީން ހުށަހެޅި ކެނޑިޑޭޓު، ނުވަތަ ޢަދާލަތުން ހުށަހެޅި ކެނޑިޑޭޓް އިލެކްޝަން ކޮމިޝަނަށް ނެގުމަށެވެ. ނަމަވެސް ކަން ވެގެންދިޔައީ އެހެން ނޫންކަން ތިޔަ އެންމެހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. މިއީ މިދެންނެވި ވާހަކަތަކަކީ ތޯތޯ ވާހަކަތަކެއް ނޫންކަމާއި، މެންދުރުގެ އިރު ފެންނަ ފަދައިން ސާބިތުވެ އެނގެންހުރި ޙަޤީޤަތްތަކެއްކަން ބަޔާންކޮށްލުމަށްޓަކައި ގެނައި ހަމއެކަނި އެންމެ ކުޑަކުޑަ މިސާލެކެވެ. މިފަދަ މިސާލުތަކަކީ ދަންނަވައި ކޮޅުންލާންހުރި މިސާލުތަކަކަށް ނުވާތީ، މިވަގުތަށް ކުރުކޮށްލަމެވެ.

ދިވެހި ލޮބުވެތި ރައްޔިތުންނަށް މިއަދު ދަންނަންވީ، އިރެއްގައި އެމް. ޑީ. ޕީ އަކީ އިސްލާޙަށް މަސައްކަތްކުރި ބަޔަލު ކަމުގައި ވިއަސް މިއަދު އެމީހުންގެ ވިސްނުމާއި ފިކުރު ހުރީ އެހެން ނޫންކަމެވެ. ޤައުމަށް ހެޔޮއެދިގެން އިސްލާޙަށް މަސައްކަތްކުރި އެންމެން މިވަގުތު ތިބީ ޖުމްހޫރީ ޕާޓީއާއި، ޖުމްހޫރީ ގުޅުމުގައި ކަން ވިސްނުމުގައި ބެހެއްޓުމެވެ. މިއަދު އެމް. ޑީ. އަކީ ސަރުކާރުން ބޭނުން ގޮތަކަށް އަނބުރަން ގެންގުޅޭ ބުމަރެއްކަމެވެ. ޤަބޫލުކުރަން ކިތަންމެ ބޭނުން ނުވިއަސް ޙަޤީޤަތްވާނީ ޙަޤީޤަތަށެވެ. ބައެއްފަހަރު ޙަޤީޤަތަކީ ޤަބޫލުކުރަން އެހާ ފަސޭހަ އެއްޗަކަށް ނުވެއެވެ. ޙަޤީޤަތަކީ ބައެއްފަހަރަށް ހިތި އެއްޗެކޭ ބުނަނީ މިހެންވެގެންނެވެ.