![]()
ޚާއްޞަ މަޖިލީހުގެ ޑްރާފްޓްކޮށް ދިރާސާކުރާ ކޮމެޓީގެ ޑްރާފްޓްޕެނަލްގައި އިބުރާގެ “ގޭދޮށު ކުދިން” އެބަތިބި
އަޙްމަދު ނިހާން / ހަމަރޯޅި ޑެއިލީ
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ދިރާސާކޮށް ޑްރާފްޓްކުރާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑްރާފްޓްޕެނަލްގެ ބޭފުޅުންގެ ތެރޭގައި އެކޮމެޓީގެ މުޤައްރިރް ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރު އަލްފާޟިލް އިބުރާހީމް އިސްމާޢީލް އާއި ސީދާގުޅުން ހުރި ބޭފުޅުން އެބަތިއްބެވިއެވެ. ސިޔާސީ ގޮތުން އެއްފިކުރެއްގައި އެއްޕާޓީއެއް އުފެއްދުމަށް ފައުންޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި، ގާތްއެކުވެރިންނާއި، ޢާއިލާގެ ބޭފުޅުން އެބަތިއްބެވިއެވެ. “ ގޭދޮށުކުދިންނޭ” ބުނެވިފައިއެވާ ބަހުގެ މަޠުލަބަކީ އެބޭފުޅުންނާއި ޑްރާފްޓިންކޮމެޓީގެ މުޤައްރިރް އަލްފާޟިލް އިބުރާހީމް އިސްމާޢީލްއާއި ދެމެދުގައި އޮތް ގުޅުން ހާމަކޮށްދިނުމަށްޓަކައި ބޭނުންކުރެވިފައިވާ މަޖާޒީ މިސާލެއްކަމަށް އަޅުގަނޑުދެކެމެވެ
އިޞްލާޙްކުރެވި އާ ކުރެވެމުންދާ ޤާނޫން އަސާސީގައި ހިމެނުމަށް ޑްރާފްޓްތައް ކުރުމާއި، އެޑްރާފްޓްތަށް ދިރާސާކުރުމާއި، އަދި ފަންނީ ލަފާދެއްވުމަށް އެކުލަވާލެވިފައިވާ ޑްރާފްޓް ޕެނަލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އެކަމަށް ޤާބިލް އަދި ޤަވާޢިދާއި އެއްގޮތަށް ޢައްޔަން ކުރެވިފައިވާ މެންބަރުންކަމުގައި އަޅުގަނޑުވެސް ދެކެމެވެ. ނަމަވެސް އެބޭފުޅުންގެ ތެރެއިން ޑްރާފްޓްކޮށް ދިރާސާ ކުރާ ކޮމެޓީގެ މުޤައްރިރް އަލްފާޟިލް އިބުރާހީމް އިސްމާޢީލުގެ ޅިޔަނަކާއި، އިބުރާއުފައްދުމަށް މަސައްކަތްކުރާ ޕާޓީގެ ފައުންޑަރމެންބަރުންގެ ތެރޭގައި ހިމެނޭ ދެމީހަކު ނެތްކަމަށް ހެދޭނޭ އެއްވެސް މަގެއް ނެތެވެ. ޑްރާފްޓްޕެނަލްގައި ހިމެނޭ ފަސްމެންބަރުންގެ ތެރޭއިން މެޖޯރިޓީ ޢަދަދަކީ ތިނެއް ކަން ކޮންމެބޭފުޅަކަށްވެސް އެގިވަޑައިގަންނަވާނެއެވެ. ޑްރާފްޓްޕެނަލްގައި ހިމެނިވަޑައިގަންނަވާ އަޙްމަދު ޢަބްދުއް ޢަފީފުއަކީ އިބުރާހީމް އިސްމާޢީލްގެ ޅިޔަނެވެ. ޙަސަން ލަޠީފާއި ފަރެސް މުޙައްމަދު ޢާމިރު އަކީ އިބުރާ އުފައްދަން މަސައްކަތްކުރާ ޕާޓީގެ ދެ ފައުންޑަރމެންބަރުންނެވެ. އަދި އެކިކަހަލަ ކޮންސަލްޓަންސީ މަސައްކަތްތަކުގައި އިބުރާއާއި އެކު ޙަރަކާތްތެރިވާ ދެމެންބަރުންނެވެ. މިއީ ދޮގެއްކަމަށް ބަޔާން ކޮށް އިބުރާއަށް އަދި ޚުދު މިމެންބަރުންނަށް ނެރެވޭނޭ ނޫސް ބަޔާނެއް ނޯންނާނެއެވެ
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އޮނަރަބަލަ އަލްފާޟިލް ޤާސިމް އިބުރާހީމްގެ ރިޔާސަތުގެ ދަށުން އިއްޔެގެ ތާރީޚުގައި ނެރެފައިވާ ނޫސް ބަޔާނަކީ އެއްވެސް މައްސަލައެއް ނެތް ހަމަކޮންމެހެންވެސް ނެރުއްވަންޖެހޭ ނޫސް ބަޔާން އެއްކަމަށް އަޅުގަނޑުމެން ދެކެމެވެ. 2 މާރޗް 2008 ދުވަހު ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުން ބޭއްވެވި ނޫސް ކޮންފަރެންސެއްގައި އެޕާޓީގެ މެންބަރަކު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ދިރާސާކޮށް ޑްރާފްޓްކުރާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑްރާފްޓް ޕެނަލްގެ ބޭފުޅުންގެ ތެރޭގައި އެކޮމެޓީގެ މުޤައްރިރް އިބުރާހީމް އިސްމާޢީލްގެ “ ގޭދޮށުކުދިންކޮޅެއް” އުޅޭ ކަމަށް ވިދާޅުވެފައި އެވަނީ އެ މެންބަރެއްގެ އަމިއްލަ މަޢުލޫމާތުގެ މައްޗަށް ބުރަވެހުންނަވައިގެންނެވެ. އޭނާ އެ ވިދާޅުވި އެއްޗެއްގައި ޙަޤީޤަތްތަކެއްވެސް އެބަހުއްޓެވެ. އެއީ މަތީގައި ބަޔާން ކުރެވުނު ޑްރާފްޓް ޕެނަލްގެ ތިންބޭފުޅުންނަކީ އިބުރާހީމް އިސްމާޢީލްގެ “ ގޭދޮށު ކުދިންކޮޅެއް” ކަން ކިތަންމެ ސާފުކޮށްވެސް އެގެން އޮތީމައެވެ.
ޑީއާރުޕީގެ ނޫސް ކޮންފަރެންސްގައި އެވިދާޅުވި އެއްޗަކާއި ގުޅިގެން ޑްރާފްޓްޕެނަލްގެ ބޭފުޅުންގެ ތެރެއިން މިދެނެންވި ތިން ބޭފުޅުންވަނީ އެބޭފުޅުންގެ މަސައްކަތަށް ނުކުމެ ވަޑައިނުގެން، މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބުރާހީމްގެ ފަރާތްޕުޅުން ނޫސް ބަޔާން އެއް ނެރުމަށް ޕްރެޝަރ ކޮށްފައެވެ. ޑްރާފްޓްޕެނަލްގެ އެދިލެއްވުމާއި އެއްގޮތަށް މަޖިލީހުގެ ރިޔާސަތުން 25 މާރޗުގައި އެވަނީ ނޫސް ބަޔާން އެއްނެރުއްވާފައެވެ. އެނޫސް ބަޔާނަކުން އެއްވެސް ޙާލެއްގައި ޑްރާފްޓްކޮށް ދިރާސާ ކުރާކޮމެޓީގެ މުޤައްރިރް އިބުރާހީމް އިސްމާޢީލްއާއި ޑްރާފްޓްޕެނަލްގެ މަސައްކަތް (ޑީއާރުޕީގެ ނޫސް ކޮންފަރެންސާއި ގުޅިގެން) ވަގުތީގޮތުން ހުއްޓާލި ތިންބޭފުޅުންނާއި ދެމެދު އޮތް “ ގޭދޮށުކުދިންގެ” ގުޅުން ހާމަކޮށްދެއްވާފައިނުވެއެވެ. އެހެނީ އަޅުގަނޑުމެން މިކިޔާ “ ގޭ ދޮށުކުދިންގެ” މައްސަލައަކީ ހަމަ ޔަޤީނުންވެސް ޙަޤީޤަތެކެވެ. 2 މާރޗްގެ ޑީއާރުޕީގެ ނޫސް ކޮންފަރެންސާއި ގުޅިގެން ޑްރާފްޓްޕެނަލްގެ ބައެއް ބޭފުޅުން އެކި އެކި ނޫސް މީޑިއާތަކަށް ދެއްވި އިންޓަރވިއުތަކުގައިވެސް އެބޭފުޅުންނަކީ އިބުރާހީމް އިސްމާޢީލް އުފައްދަވަން އުޅުއްވާ ޕާޓީގެ އިސްމެންބަރުންކަމުގައި ވަނީ އެއްބަސްވެވަޑައިގެންފައެވެ. ޑްރާފްޓްޕަނަލް އިން އެކުލަވާލި އިންތިޤާލީ ބާބުގައި އިބުރާހީމް އިސްމާޢީލް ބުރަވެވަޑައިގަންނަވާ އުޞޫލުތަކާއި އޭނާ އުފައްދަވަން އުޅުއްވާ ސިޔާސީ ޕާޓީގެ ފިކުރު ހިމެނިފައި ހުރުން އެއީ މިފަދަ ޙާލަތެއްގައި ވަރަށް ގާތްކަމެއް ކަން ވިސްނާލި ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެއެވެ. ޑީއާރުޕީގެ މެންބަރު މަވޯޓާ ޝަރީފް ހާމަކުރެއްވުމަށް އެއުޅުއްވީ މިވާހަކަތަކެވެ. ޑްރާފްޓް ކޮށްދިރާސާ ކުރާ ކޮމެޓީގެޑްރާފްޓް ޕެނަލް އެކުލަވާލެވިފައިވަނީ ޤަވާޢިދާއި އެއްގޮތަށެވެ
ޚާއްޞަ މަޖިލީހުގެ ނޫސް ބަޔާންގައިވަނީ ޑްރާފްޓް ޕެނަލް އެކުލެވިފައިވާ ގޮތާއި، އެ ޕެނަލްގެ މެންޑޭޓެވެ. އަދި ނެރުއްވާފައިވާ ނޫސްބަޔާންގައިވަނީ ޑީއާރުޕީގެ ނޫސް ކޮންފަރެންސްގައި އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު އަލްފާޟިލް އިބުރާހީމް ޝަރީފްދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކުން ކަންހިގާފައިވާ ގޮތުގެ ޙަޤީޤަތް އޮޅޭގޮތަށް ދެއްކިފައިވާކަމަށް ޚާއްޞަމަޖިލީހުގެ ރިޔާސަތަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ ވާހަކަތަކެވެ. ޑްރާފްޓްޕެނަލްގައި ހިމެނިވަޑައިގަންނަވާ ދެންނެވުނު ތިންބޭފުޅުންގެ އެދިލެއްވުމަށް، މައްސަލައިގެ ޙަޤީޤަތް ހާމަކޮށްދެއްވުމަށާއި، އަދި އެއީ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގެ މަސްއޫލިއްޔަތެއްކަމަށް ދެކެވަޑައިގެން މައިގަނޑު ހަތަރު ޕޮއިންޓެއްގެ މައްޗަށް އެކުލަވާލައްވާފައިވާ ނޫސް ބަޔާން އަކީ އެ މަޖިލީހުގެ ރިޔާސަތުގައި ކޮންމެ ބޭފުޅަކު އިންނެވި ނަމަވެސް ނެރުއްވަން ޖެހޭ ނޫސް ބަޔާން އެއްކަމަށް ޚުދު އަޅުގަނޑުވެސް ޤަބޫލްކުރަމެވެ
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޤާނޫން އަސާސީ އިޞްލާޙްކޮށް ނިންމަވައިދެއްވުމަށް، ދިވެހިރައްޔިތުންގެ ޕާޓީގެ ނައިބު ޒަޢީމް އޮނަރަބަލް ޤާސިމް އިބުރާހީމް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށް ޑީއާރުޕީން އަބަދުވެސް މަރުޙަބާ ކިޔައެވެ
© 2008 www.dhivehivindhu.com ©
March 27, 2008