ކަނޑުފޭރުމާ، ޓެރަރިޒަމާ މަސްތުވާތަކެތި އަދި ހަތިޔާރާއި އިންސާނުން ވަގަށް އެތެރެކުރުންފަދަ ކަންކަން ހުއްޓުވުމަށް އަވަސްފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށް ޒަޢީމު ވިދާޅުވެއްޖެ


ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރި ގޮތުގައި ބޭއްވެވުމަށްޓަކައި މި ސަރަޙައްދުގެ ޤައުމުތަކާއި، އަޅުގަނޑުމެންގެ ވިޔަފާރީގެ ބައިވެރިންނާއި، އަދި މުދާ އުފުލުމަށް މި ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުގެ ބޮޑު ޒިންމާއެއް އެބައޮތްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ބަދަލުވަމުންމިދާ ދުނިޔޭގައި މިއަދު އަޅުގަނޑުމެންނަށްވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި، ކަނޑުފޭރުމާއި، ޓެރަރިޒަމްގެ ޙަރަކާތްތަކާއި، ތިމާވެށްޓަށް ގެއްލުންދޭ ޙަރަކާތްތަކާއި، މަސްތުވާތަކެއްޗާއި، ހަތިޔާރު އެތެރެކުރުމާއި، އިންސާނުން ވަގަށް އެތެރެކުރުންފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ، މިހާރުން މިހާރަށް އަޅުގަނޑުމެން ކޮންމެހެން ކުރަންވެއްޖެ ކަމެއް ކަމުގައި ރައީސްމައުމޫނު ވިދާޅުވެއްޖެއެވެ. އަދި މިފަދަ ކަންތައްތައް މިދަނީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ވަރަށް ބޮޑަށް އިތުރުވަމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެއްޖެއެވެ

ރައީސް މައުމޫނު މިފަދައިން މިވިދާޅުވީ، 6002 ވަނައަހަރު 7.1 ޓަނުގެ ކެނަބިސްތަކެއް ރައްކާކޮށްފައިހުއްޓާ ފެނިފައިވާ އަރިއަތޮޅު މާވަރު ފަޅާ، މާދުރުނޫން ހިސާބެއްގައި އޮންނަ މާލީވަޒީރު ބުރުމާގާސިމުގެ ސަން އައިލެންޑް ރިޒޯޓުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ކޮންފަރެންސް "ޕާރޓްނަރިންގ ފޮރ އަ ސޭފަރ ސީ ކޮންފަރެންސް" މިއަދު ހެނދުނު ހުޅުއްވުމުގެގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މި ކޮންފަރެންސް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، މައުމޫނު މިއަދު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ސަރަޙައްދީ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވޭކަން އެއީ، ރާއްޖެއަށް ލިބޭ ވަރަށްބޮޑު ޝަރަފެއް ކަމަށާއި، މި ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ

މައުމޫނުގެ ވާހަކަ އިތުރަށް ކުރިއަށްގެންދަވަމުން، ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަމުންދާތީ، މިކަމަށް އަވަސް ޙައްލެއް ގެނައުމަކީ، މިވަގުތަށް ކުރިމަތިވެފައިވާ އެންމެ މުހިންމު މައްސަލަ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ބޮޑު ސަރަޙައްދަކަށްވުމާއެކު، ވަރަށްގިނަ ޢަދަދެއްގެ މަސްތުވާތަކެތި، އެހެން ޤައުމުތަކަށް ގެންދިޔުމަށް ރާއްޖޭގެ ކަނޑު ބޭނުންކުރެވެމުންދާކަންވެސް އެއީ އަޅުގަނޑުމެން މިއަދު ވިސްނަން ޖެހިފައިވާ މައްސަލައެއް ކަމުގައި މައުމޫނު ވިދާޅުވިއެވެ. ބެލެވޭގޮތުގައި މިވާހަކަފުޅުގައި މިއިޝާރާތްކުރެއްވީ އަރިއަތޮޅު މާވަރު ފަޅުތެރެއިން ފެނުނު ދޮޅުޓަނަށްވުރެ ގިނަ މަސްތުވާތަކެތީގެ ޝިޕްމަންޓުގެ މައްސަލައަށެވެ

ރާއްޖެއަށް އެތެރެކުރެވޭ މަސްތުވާތަކެއްޗާއިބެހޭގޮތުން މައުމޫނު މިއަދު ވިދާޅުވީ، ރާއްޖެއަށް އެންމެގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަނީ، ރާއްޖޭގެ ބަނދަރުތަކަށް އަންނަ ކަނޑުބޯޓުފަހަރުންކަން ގަބޫލުކުރެވޭ ކަމަށާއި، މިކަންކަމުގެ ސަބަބުން، ރާއްޖޭގެ ބަނދަރުތަކާމެދު ފަރުވާތެރިވެ، ބަނދަރުތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ދޭންޖެހޭ ސަމާލުކަން މިހާރު އިތުރުކުރަން ޖެހިފައިވާ ކަމުގައެވެ. އަދި މި މަސައްކަތާ ކުރިމަތިލަމުންދާއިރު، ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ

މިއަދު މިފެށުނު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ކޮންފަރެންސް "ޕާރޓްނަރިންގ ފޮރ އަ ސޭފަރ ސީ ކޮންފަރެންސް" ރާއްޖޭގައި ފެށިގެންދިޔައިރު، މިދުވަސްވަރަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިގާ އެފަދަ ގާބިލްކަން ނެތްކަމުގައި ވަރަށްގިނަ ފަރާތްތަކުން ބުނަމުންދާ ދުވަސްވަރެކެވެ. ދާދިފަހުން އަވައްޓެރި އިންޑިޔާގެ މީޑިޔާގައިވެސް މިފަދަ ވާހަކަތަކެއް އުޅެފައިވާކަން ފާހަގަކުރެވޭއިރު، އިންޑިޔާ ސަރުކާރުގެ ވަރަށް އިސް ޑިޕްލޮމެޓެއްގެ ޕާސަނަލް ބްލޮގުގައިވެސް، ދިވެހި ސަރުކާރަށް ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދު ނުބެލެހެއްޓޭކަމުގައި ލިޔެފައިވެއެވެ

މީގެއިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވާއިދާ ޚިލާފަށް ވަދެ، މަސްވެރިކަން ކުރުމާ، އެހެނިހެންވެސް ބޭނުންތަކުގައި ބޭރުގެ ގައުމުތަކުގެ ބޯޓުފަހަރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭނުންކުރާކުރުމުގެ ޝަކުވާ ދިވެހި މަސްވެރީން ކެނޑިނޭޅި ކުރަމުންގެންދާއިރު، އެކަމަށްވެސް އަދިއަދަށްވެސް މާހަރުދަނާ ފިޔަވަޅުތަކެއް، މިސަރުކާރަކަށް އެޅިފައިނުވެއެވެ. ކަންމިހެންހުއްޓައި، ކުރީންވެސް ބުނެވިދިޔަފަދައިން މަސްތުވާތަކެތީގެ ވަރަށްބޮޑު ޝިޕްމަންޓެއް، މެދުރާއްޖެތެރޭގެ މީސްގިނަ ސަރަހައްދެއްގެ ތިލަފަޅެއްގެ ތެރެއިން ފެނުމާ، ހަތިޔާރު ހިފައިންގެ ރާއްޖޭގެ ސަރަހައްދަށްވަދެ، ދިވެހި މަސްވެރީންގެ ބަޔަކާދިމާއަށް ބަޑިޖެހުންފަދަ ކަންކަން، ބޭރު ފަރާތްތަކުން ކުރުންފަދަ ކަންކަން ތަޖުރިބާކުރެވިފައިވަނިކޮށް، ޓްރާންސްޕޯރޓް މިނިސްޓްރީން އިސްނަގައިގެން ސަރަހައްދީ ޤައުމުތަކާއެކު މިފަދަ މައްސަލަތަކުގެ ޙައްލަކަށް މިފެށި ކޮންފަރެންސާމެދު ބެލެވެނީ އުއްމީދީ ނަޒަރަކުންނެވެ