| |
|
|
26/06/2008 |
ޑްރަގް ވިޔަފާރިއަށް ދިވެހީން އަހަރަކު 037 މިލިއަން ރުފިޔާ ހޭދަކުރާކަމަށާއި، މިކަމުގެ ސަބަބުން ނުކުންނަ މައްސަލަތައް ޙައްލުކުރުމަށް ދައުލަތުގެ ބަޖެޓުން އަހަރަކު 2.1 ބިލިއަން ރުފިޔާ ހޭދަކުރާކަމަށް އައިޑީޕީގެރައީސް ޢުމަރުނަޞީރު ވިދާޅުވެއްޖެ |
|
|
|
މިޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކުވެގެން ދާއިރު ޑްރަގް ގެ ސަބަބުން ޤައުމުގެ އިޤްތިސާދަށްވެސް ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ފޯރަމުންކަމަށާ، މިގޮތުން އަހަރަކު 037 މިލިއަން ދިވެހި ރުފިޔާ (75މިލިއަން ޑޮލަރ) ޑްރަގް ގަތުމަށް ދިވެހިން ހޭދަކުރާކަމަށް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ރައީސް، އަދި އެޕާޓީގެ ފަރާތުން ދެންބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް ދޮންޖޭމު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އޭނާ ނެރުއްވާފައިވާ ޚިތާބެއްގައެވެ. ދޮންޖޭމުގެ ޚިތާބުގައި، ޑްރަގް ގެ ސަބަބުން ނުކުންނަ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޓަކައި ދައުލަތުގެ ބަޖެޓުން ކުރާ ހޭދައާއި ރައްޔިތުންގެ އަތުން ގެއްލޭ މުދަލަށް އަހަރަކު 2.1 ބިލިއަން ދިވެހި ރުފިޔާ (001މިލިއަން ޑޮލަރު) އަރާނެ ކަމަށް ލަފާ ކުރެވޭކަމަށްވެސް ވިދާޅުވެފައިވެއެވެ.
ދޮންޖޭމުގެ ޚިތާބުގައި ބުނެވިދިޔަ ޢަދަދުގެ ތަފްސީލުދެއްވަމުން ވިދާޅުވެފައިވަނީ، އެ 2.1 ބިލިޔަން ރުފިޔާގެ ތެރޭގައި ތެރޭގައި ޑްރަގް އާއި ގުޅުންހުރި ކުށްތައް ކޮށްގެން ފުރިފައިވާ ޖަލުތައް ބެލެހެއްޓުމަށާއި، ޑްރަގް އާއި ގުޅުންހުރި ކުށްތައް ތަހުޤީގު ކުރުމަށް ފުލުހުންނަށް ކުރަން ޖެހިފައިވާ ހޭދައާއި، އެ މައްސަލަތައް ކޯޓުތަކަށް އުފުލާ ދަޢުވާ ކުރުމަށްޓަކާ އެޓަރނީ ޖެނެރަލް ގެ އޮފީހުން ކުރަން ޖެހިފައިވާ ޚަރަދު ތަކާއި، އެ މައްސަލަތައް ހިންގުމަށް ޝަރުއީ ކޯޓުތަކަށް ކުރަން ޖެހިފައިވާ ޚަރަދު ތަކާއި، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް ކުރަން ޖެހިފައިވާ ޚަރަދު ތަކާއި، އޭގެ ސަބަބުން ނުކުންނަ ސިއްޙީ މައްސަލަތަކަށް ފަރުވާ ކުރުމަށް ސިއްޙީ ދާއިރާއިން ކުރަން ޖެހިފައިވާ ޚަރަދު ތަކާއި، އާންމު ރައްޔިތުންގެ އަތުން ގެއްލި ހަލާކުވަމުންދާ މުދަލުގެ އަގާއި މި ހުރިހާ ކަމެއް ހިމެނޭކަމުގައެވެ. އަދިއެއީ 0005 ފްލެޓް އިމާރާތް ކޮށް ރައްޔިތުންނަށް ހިލޭ ދޫކުރުމަށް ފުދޭހައި ފައިސާކަމަށާ، އަދިއެއީ ޤައުމުގެ ތަރައްޤީގެ އެކިއެކި މަސައްކަތްތަކަށް ޚަރަދު ކުރަން ހުރިފައިސާކަމަށްވެސް ދޮންޖޭމުގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.
އަމަލުވާ އެއްޗެތީގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން އެއްދުވަހުން އަނެއް ދުވަހަށް ހަލާކުވެ ވީދެމުންދާއިރު، ކޮންމެ ދުވަހަކީ ޤައުމުގެ އިތުރު ދަރިން ތަކެއް ޑްރަގް ގެ ތެރެއަށް ވަންނަ ދުވަހެއްކަމަށާ، މުޅި ޤައުމު ނުރައްކާތެރި ކަމާދިމާއަށް އިތުރު ފިޔަވަޅުތަކެއް އަޅާ ދުވަހެއްކަމަށްވެސް ދޮންޖޭމުގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ. އަދި ޑްރަގް ބޭނުން ކުރާ މީހުންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރު ވަމުން ގުނަ ވަމުންކަމަށާ، ރާއްޖެއަށް އެތެރެކުރެވޭ ޑްރަގްގެ އަދަދުވެސް އަންނަނީ އިތުރުވަމުން، އެތެރެކުރެވޭ ބާވަތްތައް އަންނަނީ ވަރުގަދަވެ ނުރައްކާވަމުންކަމަށްވެސް ދޮންޖޭމު ވިދާޅުވެފައިވެއެވެ. އަދި ޑްރަގް ގެ ސަބަބުން ނުކުންނަ މައްސަލަތައް އަންނަނީ އިތުރުވަމުންކަމަށާ، ކުށްކުރުން ދަނީ ހައްދުފަހަނަ އަޅަމުންކަމަށާ، އަދި މީގެއިތުރުން ކުރެވޭ ކުށުގެ ބާވަތްތައް އަންނަނީ ބޮޑުވަމުން، އެކަމުގެ ސަބަބުން މީހުންގެ ފުރާނަތައް ގެއްލެމުންކަމަށްވެސް އޭނާގެ ޚިތާބުގައި ވެއެވެ. އަދިކަންމިހެންވަމުންދާއިރު، ޤާނޫނުތަކުގެ ބާރުކެނޑި ނިކަމެތިވަމުން އަންނަކަމުގައިވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
ދޮންޖޭމުގެ ޚިތާބުގައި ވިދާޅުވާގޮތުގައި، މިފަދަ ބޮޑު މައްސަލައެއް މިޤައުމަށް މި ދިމާވީ ކީއްވެތޯ ހޯދާ ބެލުމަށް ކޮންމެހެން ކޮމިޝަނެއް އުފައްދާކަށް ނުޖެހެއެވެ. އަދި މިމައްސަލަ މިހާހިސާބަށްއައިއިރު މިހާ ގޯސްވެގެންދިޔައީ، ވޭތުވި 03 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގެން ގުޅުއްވާފައިވާ ދޯދިޔާ، ކުޅޭކުޅޭ ސިޔާސަތެއް ގެ ސަބަބުންކަމަށާ،. މިއީ ސަރުކާރުން ފިޔަވަޅު އަޅަން ނުކެރުމާ، ފަސްޖެހުމާއި، ދޫދިނުމާ، ސާބިތުކަން ކުޑަކަމާ، އެންމެން ރުއްސަން އުޅުމާ، ބިރުގަތުމާ، ޤާނޫނު ހަމަހަމަ ކަމާއެކު އެންމެންގެ މައްޗަށް ހިންގަން ނުކެރުމުގެ ނަތީޖާކަމުގައި ވިދާޅުވެ، މައުމޫނު ސަރުކާރަށްވެސް ދޮންޖޭމުވަނީ ބޯޅަ ޖައްސަވާފައެވެ.
މިގޮތުން، ސަރުކާރުން ވަނީ ދާދި ފަހުން ޑްރަގް ކޮންޓްރޯލް މާސްޓަރ ޕްލޭން އެއް ނެރުއްވާފައިކަމަށާ، އެ ޕްލޭން ގައި އެއްވެސް އާކަމެއް، އާސިޔާސަތެއް ނެތްކަމަށް ދޮންޖޭމުގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުގެ އެފިޔަވަޅަކީ މިވީ ހުރިހާ ދުވަހަކު ޓެސްޓް ކުރެވިފައިވާ، އެންމެން ނަށް އެނގި ފޭލްވެފައިވާ ސިޔާސަތު ތައް ރީތި ފޮތެއްގެ ސިފާގައި، މިޒަމާނުގެ ޗާޕުން ޗާޕު ކުރެވިފައިވާ ހަމައެކަނި ކުލަ ގަނޑުތަކެއްކަމަށާ، އެއީކީ އެތައް އާއިލާ ތަކެއް ތަޖުރިބާ ކުރަމުން މިދާ ހިތި އަސަރުތަކަށް ފިނިކަމެއް ގެނެސްދެވޭނެ އެއްޗެއް ނޫންކަމުގައި އޭނާ ވިދާޅުވެފައިވެއެވެ. އަދި އެޕްލޭން ދިރާސާ ކޮށްލުމުން އެނގެނީ ސަރުކާރުގެ އިސްމަޤާމް ތަކުގައި ތިއްބެވި ބޭފުޅުންގެ ސިކުނޑީގައި މިކަމަށް އެއްވެސް ހައްލެއް، ފަރުވާ އެއް، އާ ޚިޔާލެއް ނެތްކަންކަމުގައިވެސް ދޮންޖޭމު އިތުރަށް ވިދާޅުވެފައިވެއެވެ.
ދޮންޖޭމު ވިދާޅުވަނީ ޑްރަގް ގެ މިހާލަތު ބަދަލު ކޮށްލެވެން އޮތީ ސިޔާސީ ބަދަލަކުންކަމުގައެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންނަކީ މިސަރުކާރުން ގެންގުޅުއްވާ ފޭލްވެފައިވާ ސިޔާސަތުތައް އަލުން ބޭނުން ކުރުމަށް ނިންމާފައިވާ ސިޔާސީ ބޭފުޅުންކަމަށާ، އަނެއްބައި ސިޔާސީ ބޭފުޅުންނަކީ ޑްރަގް ލުއި ކޮށްލަން ނުވަތަ ވަކިބާވަތްތަކެއް ހުއްދަކުރައްވަން ޚިޔާލު ކުރައްވާ ބޭފުޅުން ކަމުން، އެފަދަ ސިޔާސީ ލީޑަރުންގެ އަތްމައްޗަށް މިޤައުމުގެ ވެރިކަން ފިރުކިގެން ހިނގައްޖެނަމަ، ޑްރަގް ބޭނުން ނުކުރާ މީހުން މި ޤައުމުން ފައިބަން މަޖްބޫރު ވެދާނެކަމަށްވެސް ދޮންޖޭމު ވިދާޅުވެފައިވެއެވެ. ބެލެވޭގޮތުގައި ދޮންޖޭމުގެ މިބަސް މިއަމާޒުވަނީ އެންމެބޮޑު އިދިކޮޅުޕާޓީ އެމް.ޑީ.ޕީގެ ލީޑަރޝިޕަށެވެ. އެހެނީ ތަންކޮޅެއްކުރީން ދި.އެފް.އެމް ރޭޑިޔޯއަށް ދެއްވި ބަސްދީގަތުމެއްގައި ދޮންޖޭމުވަނީ އެމް.ޑީ.ޕީގެ ލީޑަރޝިޕަކީ އަމަލުވާއެއްޗެތި ބޭނުންކުރާ ބައެއްކަމަށާ، އެމީހުންނަކީ މިރާއްޖޭގައި އަމަލުވާތަކެތި ހުއްދަކުރަން އުޅޭ ބައެއްކަމުގައި ވަރަށް ފާޅުގައި ވިދާޅުވެފައެވެ. އެމް.ޑީ.ޕީން އެފަހަރުވަނީ މިއުމަރަކީ ތަސައްރަފްނުފުދޭ މީހެއްކަމުގައި ބުނެ، އޭނާއަށް ވަރަށް ހަޖޫޖަހާފައެވެ. |
| |
|
|
|
|
|
|
|
|