![]()
މައުމޫން ޢަބްދުލް ޤައްޔޫމް 1978 ވަނައަހަރުގެ ނޮވެމްބަރ މަހުގެ 10ވަނަދުވަހުގެރޭ ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އެމަނިކުފާނާއި ހަތިޔާރު ގުދަނުގެ ތަޅުދަނޑިފަތި ހަވާލުކުރައްވާފައިވޭތޯ ދެކެވެމުންދާ ތަފާތު ވާހަކަތަކާއި، އަދި މިކަމަކީ ސިފައިންނާ ގުޅުންހުރި ކަމަކަށްވާތީ، ސިފައިންނާވެސް ސުވާލުތައް ކުރިމަތި ކުރަމުން ގެންދާތީ ރައްޔިތުންނަށް އިތުރަށް ސާފުކޮށްދިނުމުގެގޮތުން ދަންނަވަމެވެ.
ބުދަ، 24 ސެޕްޓެމްބަރ 2008
ބަޑިގުދަނުގެ ތަޅުދަނޑިއަކީ، އެދުވަސްވަރު އެއްބޭފުޅެއްގެ އަތުން އަނެއްބޭފުޅެއްގެ އަތަށް ސިއްރުވެރިކަމާއެކު ޙަވާލުކުރެވެމުން އަންނަ އެއްޗެކެވެ. އޭރުގެ އާދަކާދަ އޮންނަގޮތުން ލިއެކިއުމުން ކުރާކަމަކަށް ނުވާތީ މިކަމާބެހޭ އެއްވެސް ބާވަތެއްގެ ލިއެކިއުމެއް ޑިފެންސް މިނިސްޓްރީގައި ނުވަތަ ސިފައިންގޭގައި ނެތެވެ. ނަމަވެސް، 1978 ނޮވެމްބަރ 10 ވަނަ ދުވަހުގެ ކުރިންނާއި، އެދުވަހު ހިނގި ތިރީގައިވާ ކަންކަމަށް ބަލާއިރު މިކަން ހިނގާދިޔަގޮތް ދޭހަވެއެވެ.
1- 1978 ނޮވެމްބަރ 2 އަދި ނޮވެމްބަރ 7 ވަނަދުވަހު ޕަބްލިކް ސޭފްޓީ މިނިސްޓަރަށް އެޑްރެސްކުރައްވާ ރައީސުލް ޖުމަހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާ ދެސިޓީގައިވާގޮތުން 1978 ނޮވެމްބަރ 10 ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއާއި އެމިނިސްޓްރީގެ ދަށުގައިވާ ތަންތާނގެ ހުރިހާ ކަމެއް، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އަރިހު އައްސަވައިގެން، އެމަނިކުފާނު ވިދާޅުވާ ގޮތެއްގެމަތީން ކުރައްވަމުން ގެންދެވުމަށާއި، އޭގެ އިތުރުން އެމަނިކުފާނު އަންގަވާ ކަންތައްވެސް ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސް ވިދާޅުވިކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި މި ދެސިޓީ މި މިނިސްޓްރީގައި އެބައޮތެވެ.
2- 1978 ނޮވެމްބަރ 10 ވަނަ ދުވަހުގެ ހެނދުނު އަލްފާޟިލް ޢަބްދުލް ޙަންނާން ޙަލީމް ސިފައިންގެ މައިމަރުކަޒަށް ވަޑައިގެން އޭރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި އިސް އޮފިސަރުންނާ ބައްދަލުކުރެއްވެވިއެވެ. އަދި ހަމައެދުވަހު، ފުލުސް އޮފީހުގައި މައްސަލަ ބައްލަވާ އިސް ފަރާތްތަކާވެސް އަލްފާޟިލް ޢަބްދުލް ޙަންނާން ޙަލީމް ބައްދަލުކުރެއްވިއެވެ. މިކަމަށް އޭގެތެރެއިން މިހާރު ޚިދުމަތުގައި އަދި ދުނިޔޭގައި ތިއްބެވި ބޭފުޅުން ހެކިދެއްވައެވެ. އޭރު ޚިދުމަތުގައި ތިއްބެވި އޮފިސަރުންގެތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންނާއި، ފުލުސް އޮފީހުގައި މައްސަލަބައްލަވަން އުޅުއްވި ބޭކަލުންގެ ތެރެއިން އެބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ވިދާޅުވާގޮތުން، އަލްފާޟިލް ޢަބްދުލް ޙައްނާން ޙަލީމް ވިދާޅުވީ އެދުވަހުން ފެށިގެން އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އަންގަވާގޮތެއްގެ މަތިން މަސައްކަތްކުރައްވަމުން ގެންދެވުމަށާއި، އަދި ވަފާތެރިކަމާއި އިޚްލާޞްތެރިކަންމަތީ ދެމިތިބުމަށެވެ.
3- 1978 ނޮވެމްބަރ 10 ވަނަ ދުވަހު ސިފައިންގެ އިސްފަރާތްތަކާ އަލްފާޟިލް ޢަބްދުލް ޙަންނާން ޙަލީމް ބައްދަލުކުރެއްވި ފަހުން، ސިފައިންގެ މައިމަރުކަޒަށް ވަޑައިގެންނެވިތަން ދެކެވަޑައި ނުގަންނަވާކަމަށްވެސް، އޭރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި ބޭފުޅުން ފާހަގަކުރައްވައެވެ.
4- 1978 ނޮވެމްބަރ 10 ވަނަ ދުވަހުގެރޭ އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތު ނިމުމުން ސިފައިންގެ މައިމަރުކަޒަށް އަލްފާޟިލް އިލްޔާސް އިބްރާހީމް ވަޑައިގެން އޭރު ތިއްބެވި އޮފިސަރުންނާއި، އަދި ފުލުސް އޮފީހުގައި މައްސަލަ ބައްލަވާ ފަރާތްތަކާ ބައްދަލުކުރައްވާ އެއްވެސްކަމެއް ދިމާވެއްޖެނަމަ ތިމަންނައާ ގުޅަމުންގެންދިއުމަށް ވިދާޅުވެ ގުޅޭނެ ފޯނު ނަމްބަރު ދެއްވިކަމަށް އެބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުން ވިދާޅުވެއެވެ.
މަތީގައި ބަޔާންކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމުން އަންނަނިވި ކަންކަން ފާހަގަކުރެއެވެ.
(ހ)- ރައީސް އޮފީހުން މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ އަށް ފޮނުއްވެވި، ދެސިޓީފުޅުގެ ސަބަބުން އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ހުވާ ކުރެއްވުމުގެ ކުރިންވެސް އެމަނިކުފާނު އަންގަވާގޮތެއްގެމަތިން ސިފައިން އަމަލުކުރުމަށް އޭރު ހުންނެވި ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަލްފާޟިލް އިބްރާހީމް ނާޞިރު އަންގަވާ، ޤާނޫނީ ގޮތުން އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އަށް އެބާރު ދެއްވާފައިވުން.
(ށ)- އަލްފާޟިލް ޢަބްދުލް ޙަންނާން ހަލީމް ސިފައިންގެ ކަންކަމާ 1978 ނޮވެމްބަރ 10 ވަނަ ދުވަހުންފެށިގެން ދުރުވެވަޑައިގެން އެމަނިކުފާނުގެ ދަށުން މަސައްކަތްކުރާ ފަރާތްތަކަށް އިރުޝާދާއި ނަޞޭޙަތްތެރިވެ މަސައްކަތްތައް ހަވާލުކުރެއްވުން.
(ނ)- އަލްފާޟިލް އިލްޔާސް އިބްރާހީމް 1978 ނޮވެމްބަރ 10 ވަނަ ދުވަހުގެރޭ އޮތް ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ސިފައިންގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާ އެމަނިކުފާނަށް ރިޕޯޓްކުރުމަށް ވިދާޅުވުމުން، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އާއި އަދި ސިފައިންނާބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެމަނިކުފާނާއި ރައީސް މައުމޫން ހަވާލުކުރައްވާފައި ވާކަން ދޭހަވުން.
(ރ)- އަލްފާޟިލް ޢަބްދުލް ޙަންނާން ޙަލީމް 1978 ނޮވެމްބަރ 10 ވަނަ ދުވަހު، ސިފައިންގެ އިސް ފަރާތްތަކަށް އިރުޝާދު ދެއްވާ މަސައްކަތްތައް ހާވާލުކުރެއްވުމުންނާއި، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ ބެއްލެވުމުގެދަށުން މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއާއި، ސިފައިންގެ ކަންކަން ބެލެހެއްޓުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރައްވާ އިސްފަރާތަކަށް އަލްފާޟިލް އިލްޔާސް އިބްރާހީމް އައްޔަން ކުރެއްވިއިރު، އަބްދުލް ޙަންނާން ހަލީމްގެ އަތްޕުޅުގައި ބަޑިގުދަނުގެ ތަޅުދަނޑި ބާއްވާނެކަމަކަށް ޤަބޫލު ނުކުރެވުން.
އެދުވަހު ކަންކަން ހިނގާ ދިޔަގޮތަށާއި، މަތީގައި ފާހަގަކުރެވުނު ނުކުތާތަކަށާއި، އަދި ސިފައިންގެ އުޞޫލުތަކާއި އާދަކާދަތަކަށް ރިޢާޔަތްކޮށްބަލާއިރު، 1978 ނޮވެމްބަރ 10 ވަނަދުވަހު ހުވާކުރެއްވުމުގެކުރިން އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އަށް ސިފައިންގެ ބަޑިގުދަނުގެ ތަޅުދަނޑި ހަވާލުކޮށްފައިވާކަން ދޭހަވެއެވެ.ބުދަ، 24 ސެޕްޓެމްބަރ 2008
© 2008 www.dhivehivindhu.com ©
December 19, 2008