ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިޞްލާޙުކުރުމުގެ މަސައްކަތަށް ޔޫއެންޑީޕީ އިން ދެއްވާ ފައިސާގެ އެހީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހާއި ޔޫ.އެން.ޑީ.ޕީ.އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފި


އަލަށް ފާސްކުރެވުނު ޤާނޫނުއަސާސީއާ ގުޅިގެން ރާއްޖޭގައި މިހާރު ވެރިކަން ހިންގޭ ރިޔާސީ ނިޒާމަށް ފެތޭގޮތަށް އަދި ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ މަޖިލީހުގެ ގަވާއިދު އިޞްލާޙުކުރުމުގެ މަސައްކަތަށް ހިނގާ ޚަރަދު ޔުނިއަޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީގައި ރައްޔިތުންގެ މަޖިލީހަށް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއި ޔޫ.އެން.ޑީ.ޕީ.އާ ދެމެދު މިއަދު މެންދުރުފަހު 1:45 ގައި މެމަރަންޑިއަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙަންމަދު ޝިހާބެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ ޕެޓްރިސް ކުއަ ބިޒޮޓް އެވެ. މިރަސްމިއްޔާތުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުންނާއި ސިޔާސީ ޕާޓީއެއްގައި ހިމެނިވަޑައިނުގަންނަވާ މެންބަރަކު ބައިވެރިވެވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގައި ޔޫއެންޑީޕީއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން 28 ހާސް އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް ހަމަޖެހިފައިވެއެވެ.

އެއްބަސްވުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މި އިސްނެގުމަކީ ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ކުރިއަށް އޮތްތާނގައި އެއްބާރުލުމާއި އެހީތެރިކަން ފަހިކޮށް ބަދަހިކުރުމަށްޓަކައި އެޅުނު ހެޔޮ ފިޔަވަޅެއްކަމުގައި ބަޔާންކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގާބިލުކަން އިތުރުކޮށް މަސައްކަތްތައް ހަލުވިކޮށް ހަރުދަނާކުރުމަށްޓަކައި މަޖިލީހަށް އެހީވެދޭ އެހެން މަޝްރޫއެއްވެސް އެކުލަވާލެވޭނެ ކަމުގައި ބަޔާންކުރެއްވިއެވެ. މި މަޝްރޫއު އެކުލަވާލެވެނީ ޔޫ.އެން.ޑީ.ޕީ. އާއި ރައްޔިތުންގެ މަޖިލިސް ބައިވެރިވެފައިވާ ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްއިއްޔާކަމުގައިވާ އިންޓަރ-ޕާލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ.) އާ ގުޅިގެންކަމުގައިވެސް ވިދާޅުވިއެވެ. މި މަޝްރޫޢުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެކުލަވާލެވޭ އަޚްލާޤީ މިންގަނޑު ނުވަތަ ކޯޑް އޮފް ކޮންޑަކްޓް، ބޭރުގެ މާހިރަކުގެ އެހީގައި ތައްޔާރުކުރުމާއި، މަޖިލީހުގެ އިދާރާ ތަރައްޤީކޮށް ހިންގުން ހަރުދަނާކުރުމަށްޓަކައި ސްޓްރެޓެޖިކް ޕްލޭނެއް ތައްޔާރުކުރުމާއި އަދި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސްޓާފް ޑިވްލޮޕްމެންޓް ޕްލޭނެއް ތައްޔާރުކުރުމެވެ.

އެއްބަސްވުމުގެ ރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީ.ގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ދެއްކެވި ވާހަކަފުޅުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު ހަރުދަނާކުރުމަކީ ދުނިޔޭގެ ފެންވަރުގައި ޔޫ.އެން.ޑީ.ޕީ. އިން އަހްމިއްޔަތު ދޭ ދާއިރާއެއްކަމާއި ޤާނޫނުހަދާ މަޖިލިސްތަކުގެ މަސައްކަތް ހަރުދަނާކުރެއްވިއްޖެނަމަ، އޭގެ ހެޔޮ އަސަރު ސީދާ ރައްޔިތުންގެ ދިރިއުޅުމަށް ފޯރާނެކަމުގައި ބަޔާންކުރެއްވިއެވެ. މިގޮތުން އަންނަ އަހަރު އަލަށް އިންތިޚާބުވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންސާނީ ޙައްޤުތަކުގެ މައްޗަށް ހޭލުންތެރިކުރުމުގެ ގޮތުން މި މައުޟޫޢުގެ މައްޗަށް ތައްޔާރުކުރެވޭ އަތްމަތީފޮތެއް މެންބަރުންނަށް ބައްސަވާނެކަމުގައި ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވިގޮތުގައި 2008 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ.އިން ރައްޔިތުންގެ މަޖިލީހަށް ދެވޭ އެހީގެ ގޮތުގައި 88 ހާސް އެމެރިކާ ޑޮލަރު ކަނޑައެޅިފައިއެވެ.

ރައްޔިތުންގެ މަޖިލީހާއި ޔޫ.އެން.ޑީ.ޕީ.އާ ދެމެދު އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން މުޅިން އާ ބާބެއް ފެށިގެން ދާކަމަށާއި، މަޖިލީހާ ދެމެދު ގާއިމުކުރެވިގެން މިދާ ޕާރޓްނަރޝިޕްގެ ސަބަބުން މަޖިލީހަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ވިދާޅުވެ މިކަމަށް ޝުކުރުއަދާކުރައްވައި މެންބަރުންގެ ފަރާތުން ތިލަދުންމަތީ ދެކުނުބުރީ މެންބަރު އަލްފާޟިލް އަޙްމަދު ޢަބްދުﷲ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.


  Your Ad Here

© 2008 www.dhivehivindhu.com ©
December 17, 2008

Online right now