އަޅުގަނޑުގެ ވޯޓު ޤާސިމަށްދޭން ޖެހުނު ސަތޭކަ ސަބަބު

ނޯޓް

މިލިޔުމުގައި އަޅުގަނޑު ބަޔާންކޮށްފައިވަނީ އަޅުގަނޑުގެ ޝުޢޫރެވެ. މިޝުޢޫރު ބިނާވަނީ އަޅުގަނޑުގެ ފިކުރީ ޤާބިލްކަން ހުރި މިންވަރަށެވެ. އަޅުގަނޑުގެ މަޤުސަދަކީ އަޅުގަނޑުގެ ޟަމީރު ބުނާ ހެޔޮގޮތް ހާމަކޮށް ފާޅުކުރުމެވެ. މިލިޔުން ޤަބޫލުކުރެއްވުމާއި ނުކުރެއްވުން ނުވަތަ މިލިޔުމަށް ތާއީދުކުރެއްވުމާއި ނުކުރެއްވުން އެއީ ތިޔަބޭފުޅުންގެ އަމިއްލަފުޅު ކަމެކެވެ. މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑަކީ ޤާސިމް އިބުރާހީމްގެ އަތުން މިހާތަނަށް އެއްވެސް އެއްޗެއް ލިބުނު މީހެއް ނޫނެވެ. އަދި އޭނާގެ އަތުން އެއްޗެއް ހޯދުމަށް ޚިޔާލުކުރާ މީހެއްވެސް ނޫނެވެ. އެއްޗެއް ބޭނުންވިނަމަ އަޅުގަނޑު މިލިޔުން ލިޔުނީހީ ފޮޓޯއާއި ނަމާއެކުކަން ކަށަވަރެވެ.

 

ޤާސިމަށް ވޯޓުދޭންޖެހުނު ފުރަތަމަ ސަބަބު

1-     އެންމެ ޚިދުމަތްތެރި ދިވެހި ދަރި

ފާއިތުވި ވިއްސަކަށް އަހަރަށް ބަލާއިރު މިޤައުމަށް އެންމެގިނަގުން ޚިދުމަތްކުރި އެއް ފަރުދަކަށް ޤާސިމް އިބުރާހީމްވެއެވެ. އޭނާ ޚިދުމަތްކުރެއްވީ އިންތިޚާބުކުރެވުނު ނުވަތަ ޢައްޔަންކުރެވުނު މަޤާމަކުންނޫނެވެ. ނުވަތަ އެމަޤާމަކުން އޭނާއަށް ލިބިވަޑައިގެންނެވި ޢިއްޒަތާޢި ޝަރަފާއި ޝާނާއި ޝައުކަތުގެ ސަބަބަކުންނޫނެވެ. އެކަމަކު ޚާދިމެއްގެ ގޮތުގައި ނުވަތަ ދިވެހި ދަރިއެއްގެ ގޮތުގައި އޭނާ ކުރެއްވެވި ޚިދުމަތްތަކެވެ.

 

ޤާސިމްގެ ޚިދުމަތުގެ އެންމެ އުސް އައްޔަކީ ވިޔަފާރީގައި އޭނާއަށް ލިބިވަޑައިގެންނެވި ހުރިހާ ފައިދާއަކާއި ނަފާ ދިވެހި ފަސްގަނޑަށް އިންވެސްކުރެއްވުމެވެ. އެކަމުގެ ސަބަބުން ވިޔަފާރީގައި އޭނާއަށް ލިބިވަޑައިގެންނެވި ހުރިހާ ފައިދާއެއްގައި ސީދާގޮތުންނާއި ނުސީދާގޮތުން ދިވެހި ރައްޔިތުން ޝާމިލުވިއެވެ. ވިޔަފާރީގައި އޭނާގެ ޚިދުމަތަކީ ތަޢުރީފު ޙައްޤު ޚިދުމަތެކެވެ.

 

ތިމާއަށް ނުކިޔެވުނަސް އެހެން މީހުންނަށް ކިޔަވައިދެއްވުމަށްޓަކައި ޤާސިމް ކުރައްވާ ޚިދުމަތް ބަޔާންކުރަން ޖެހޭނީ ޤައުމީ ޖިހާދެއް ފަދައިންނެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި މަހުޖަނަކު އެޤައުމުގެ ދަރީންގެ ތަޢުލީމަށް މިފަދަ ބޮޑު ހޭދައެއް ކުރާނެކަމަކަށް ނުފެނެއެވެ. އެހެންކަމުން ދިވެހި ތަޢުލީމަށް ޤާސިމް ކުރައްވާފައިވާފަދަ ޚިދުމަތެއް ކުރަމުންދާ ދެވަނަ ދިވެއްސަކު މިޤައުމަކު ނެތެވެ.

ގޮތެއް ނެތް ނިކަމެތި ރައްޔިތުންގެ ބޭނުންތައް ފުއްދާދިނުމަށް ޤާސިމްކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ޚިދުމަތަކީ ޝުކުރު ޙައްޤު ޚިދުމަތެކެވެ. ތިމާގެ އަމިއްލަ ދަރިންނާއި މުވައްޒަފުންނަށް އަޅާނުލާވަރަށް ޤާސިމްގެ އެހީ ނިކަމެތި ފަޤީރު ދިވެހިންނަށް ލިބިފައިވެއެވެ. އަދި ލިބެމުން ދެއެވެ. ޚާއްޞަކޮށް އެފަދަ މީހުންގެ ބޭސްފަރުވާގެ ކަންކަމުގައި ޤާސިމް ބަހައްޓަވާ އޯގާތެރިކަމަކީ އެހެން މީހުން އެކަމުން ހިތްވަރު ލިބިގަންނަންޖެހޭ ފަދަ ހެޔޮ ޢަމަލެކެވެ.

ރާއްޖޭގެ އެހާރާއި މިހާރުގެ ތާރީޚާށް ބަލާއިރު ވިޔަފާރިވެރިޔަކު ސިޔާސަތާއި ބެހުމަކީ އެމީހާގެ ނިމުމުގެ ފެށުމެވެ. މިކަން އެނގިވަޑައިގަންނަވާނޭ ހާލުކޮޅުގައި މިޤައުމަށް ސިޔާސީ އިސްލާހު ގެންނެވުމަށް ޤާސިމްކުރެއްވި ޚިދުމަތް ކުޑައެއްނޫނެވެ. ވިހިވިހީގެ ތަސައްވުރު އެކުލަވާލުމުގައި ޤާސިމް ފެނިގެން ދިޔައީ ޢަދުލުއިންސާފާއި ޙައްޤުތަކަށް ހަރުއަޑުން ވަކާލާތު ކުރެއްވި ބޭފުޅެއްގެގޮތުގައެވެ. ރައްޔިތުންގެ މަޖިލިހަށް ވެންނެވިއެވެ. ރައްޔިތުންގެ ޚާއްޞަ މަޖުލިހަށް ވެންނެވިއެވެ. މިނިވަން ބަހުޘްތަކުގައި ބައިވެރިވެވަޑައިގަތެވެ. އޮގަސްޓް 12 ގެ ހާދިޘާގައި ކުޑަގޮޅިއަށް ލެވުނެވެ. ރާއްޖޭގެ އެންމެބޮޑު މަހުޖަނުގެގޮތުގައި ހުންނަވައިގެން ކުރެއްވި ބަޔާންކުރި ޢަމަލުތަކަކީ މީހަކު އެމީހެއްގެ ހަޔާތުގައި އަމިއްލައަށް ކުރިމަތިލާނެ އެންމެބޮޑެތި ނުރައްކާތަކެވެ.

މިހާރު އަމަލުކުރެވެމުންދާ އިސްލާހުކުރެވުނު ޤާނޫނު އަސާސީއަކީ ޤާސިމް އިބުރާހީމްގެ އެންމެ ކުލަގަދަ ސިޔާސީ ޚިދުމަތެވެ. މިއީ އޭނާގެ އެންމެ އަގުހުރި ޤައުމީ ޚިދުމަތްވެސްމެއެވެ. ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ރައްޔިތުންގެ ޚާއްޞަ މަޖުލިހުގެ ރައީސްކަމާއި އޭނާ ހަވާލުވެވަޑައިނުގެންނެވިނަމަ މިޤާނޫނު އަސާސީ ދުވަހަކުވެސް ނުނިމުނީހެވެ.

 

ޤާސިމަކީ މިޚިދުމަތްތަކުގެ ސަބަބުން އެއްވެސް މޮޅެއް ނުވަތަ ޝަރަފެއް ނުވަތަ ޢިއްޒަތެއް އޭގެ ބަދަލުގެގޮތުގައި ލިބުނު ޚިދުމަތްތެރިއެއްނޫނެވެ. މިސަބަބަށްޓަކައި އަޅުގަނޑު ވޯޓުލާނީ ޤާސިމަށެވެ.

(ނުނިމޭ)