1.                ޖަލްސާ ފެއްޓުން.

 

ރިޔާސަތުން ވާހަކަދެއްކެވުން:      بسم الله الرحمن الرحيم، الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه. މަޖިލިސް ފެށުނީ.

 

2.                ރިޔާސަތުން އަންގަވާ އެންގެވުން.

 

ރިޔާސަތުން ވާހަކަދެއްކެވުން:        މަޖިލިސް ފެށުނީ. މިއަދު މިބޭއްވޭ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއަކީ 2009 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާ. ވަޑައިގެންދެއްވި ހުރިހާ ޢިއްޒަތްތެރި މެންބަރުންނަށް މަރުޙަބާ ދަންނަވަން. މިވަގުތު 14 ޢިއްޒަތްތެރި މެންބަރުން އެބަ ތިއްބެވި. މިއަދު އެޖެންޑާ އައިޓަމް 1 ގައި މިއޮތީ ވަޒީރުންނާއި ކުރައްވާ ސުވާލު. އެހެންނަމަވެސް، ހިތާމަޔާއެކު ދަންނަވަންޖެހެނީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޖަވާބުދެއްވަންޖެހޭ ވަޒީރުގެ ފަރާތްޕުޅުން އަޅުގަނޑަށް ހީވަނީ ޕަރމަނަންޓް ސެކްރެޓަރީ ކަންނޭނގެ ސިޓީއެއް ފޮނުއްވާފައި އެބައޮތް. ސުވާލުކުރެވޭ ވަޒީރު އާދެ، އެއީ މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރރަމަންޓް ރަސްމީ ދަތުުރުފުޅެއްގައި ފ.އަތޮޅަށް ފުރާވަޑައިގަންނަވަންޖެހޭތީ މިއަދު ވަޑައިނުގެންނެވޭނެކަމަށް. އެހެންވީމާ، މިވާހަކަ ޢިއްޒަތްތެރި މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަން. ދެން މިކަހަލަ މިގޮތަށް އެންމެފަހުވަގުތުގައި އަޅުގަނޑުމެންނަށް މިގޮތަށް އެނގުނީމާ ބަދަލުގައި އެހެން ބޭފުޅަކާއި ސުވާލުކުރަންވެސް އަޅުގަނޑުމެންނަށް ހަމަނުޖެއްސޭނެ ވާހަކަ ވަރަށް ހިތާމަޔާއެކު ދަންނަވަން. އެހެންވީމާ، މިކަހަލަ ކަމެއް ދިމާވާގޮތް ވާކަމަށްވަންޏާ ތަންކޮޅެއް ކުރިން މަޖިލީހުގެ އިދާރާއަށް އަންގަވަނިކޮށް އަޅުގަނޑުމެން އެހެންގޮތެއް ހަމަޖައްސާނަން. އެއީ، ވަރަށް ގިނަ ޢިއްޒަތްތެރި މެންބަރުން ތަފާތު ސުވާލުތައް އެކިއެކި ވަޒީރުންނާއި ކުރައްވާފައި އެބަހުރި. އެހެންވީމާ، އަޅުގަނޑަށް ޔަޤީން މި ވަރަށް މުހިންމުކަމެއްކަން. އެހެންވީމަ، މިވާހަކަ އަޅުގަނޑު ޢިއްޒަތްތެރި މެންބަރުންނަށް މަޢުލޫމާތަށްޓަކައި ދަންނަވާލަން. ނިޒާމާބެހޭ ނުކުތާއެއް ގއ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްﷲ ޖާބިރު.

 

(ނިޒާމާބެހޭ ނުކުތާ)

 

ހުވަދުއަތޮޅު އުތުރުބުރީ މެންބަރު    ޢިއްޒަތްތެރި ރައީސް. އަޅުގަނޑު ނިޒާމާބެހޭ ނުކުތާއެއް މިނެގީ

ޢަބްދުއްﷲ ޖާބިރު ވާހަކަދެއްކެވުން:  ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަޒީރުންނާއި ސުވާލުކުރުމުގައި 14 ދުވަހުގެ ނޯޓިސް ވަޒީރަށް ދެއްވަންޖެހޭގޮތަށް މިއޮންނަނީ. ދިނުމުން މިޢިއްޒަތްތެރި މަޖިލީހަށް ވަޑައިގަންނަވާ ވަޒީރު ޖަވާބުދޭން ޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހުގައި ގަވާއިދުގައި ލިޔެފައިއޮވޭ. ރައްޔިތުންގެ މަޖިލީހުގެ ވޯޓެއް ނެގިގެން އެޕްރޫވްވެގެން ހުންނަ މިނިސްޓަރަކު ރަސްމީ އިތުރު ކޮންކަމެއްތޯ އޮންނާނީ. މިޢިއްޒަތްތެރި މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މައްސަލައެއް ހުށަހެޅިފައިއޮއްވާ ޖަވާބުދާރީނުވެ. އަޅުގަނޑަކީ މިމައްސަލަ ހުށަހެޅި މެންބަރު. ގއ.އަތޮޅުގައި ވިލިނގިލީގައި އެއަރޕޯޓެއް ހެދުމުގެ މައްސަލަ ވަޒީރުންގެ މަޖިލީހުގެ މެންބަރުގެ އަރިހުން ސާފުކުރުމަށްޓަކައި މިމަޖިލީހުގެ ރައީސް މެދުވެރިކޮށް އަޅުގަނޑު ލިޔުނިން. އަޅުގަނޑަށް މިއަދު ހެނދުނު މަޖިލީހަށް އައުމުން މަނިކުފާނު ދެންމެ ވިދާޅުވީމާ މި އެނގުނީ މިއަދު ސުވާލު ނެތްކަން. އަޅުގަނޑު ވަރަށް ހިތާމަކުރަން މިކަމާ. މިހާރުވެސް ސަރުކާރަކީ މި ޢިއްޒަތްތެރި މަޖިލީހަށްވެސް އިޚްތިރާމްނުކުރާ ސަރުކާރެއްކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސާފުކޮށް އެބަ އިނގޭ. ޢިއްޒަތްތެރި ރައީސް، ދެން މަނިކުފާނު މިކަމާދޭތެރޭގައި އަޅުއްވާނީ ކޮންފިޔަވަޅެއްތޯ. ކޮންއިރަކުތޯ މިސުވާލު އެޖެންޑާކުރެވޭނީ. މިއީ ރައްޔިތުންނަށް ކަންކަން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ސާފުކޮށްދޭންޖެހޭ މައްސަލައެއް. އަޅުގަނޑަކީ ގއ.އަތޮޅުގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރެއް. އެހެންވީމާ، ގއ.އަތޮޅު ވިލިނގިލީގައި އެއަރޕޯޓެއް އެޅުމުގެ މައްސަލަ ސާފުކުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް. ރައްޔިތުން ބޭނުންވާ ކަންކަން ހުއްޓާ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަތުރަކު ދާން ޖެހޭތީވެ މާކުރިން އެނގިވަޑައިގަންނަވާނެ މިސުވާލު އޮތީ ކޮށްފައިކަން. މިއީ 14 ދުވަސް ކުރިން އަޅުގަނޑުމެން ކޮށްފައިވާ ސުވާލެއް. 14 ދުވަސް ވާހަކައަކީ މިއޮތީ ނޯޓިސްވެސް ދެއްވާފައި. ނޯޓިސްގެ އަލީގައި މި މަޖިލީހުން ކިހިނެއްތޯ ދެން މިފަދަ  މިނިސްޓަރުންނާއި ދޭތެރޭގައި ޢަމަލުކުރެވޭނީ. މަނިކުފާނަށް އެޅޭނީ ކޮންފިޔަވަޅެއްތޯ. އަޅުގަނޑަށް ޔަޤީން މިސުވާލަށް ޖަވާބު ނުދިނުމުގެ ސަބަބުން ރައްޔިތުންނަށް ސާފުކުރަންޖެހޭ ބައިވަރު ކަންކަން ސާފުނުވެ ހުންނާނީ. އެހެންވީމާ، ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމަށްޓަކައި އަޅުގަނޑު މިސުވާލުކުރީ. އަޅުގަނޑު އެދެން މާދަމާއަށް އެޖެންޑާ ކޮށްދެއްވުން މަނިކުފާނުގެ އަރިހުން ވަރަށް ދީލަތިކަމާއެއްކޮށް މިސުވާލު. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.

 

 

ރިޔާސަތުން ވާހަކަދެއްކެވުން:      އާދެ، އަޅުގަނޑު ކުރިން ދަންނަވާލިހެން އަޅުގަނޑުމެން ޢިއްޒަތްތެރި ވަޒީރާއި ވާހަކަދައްކައިގެން ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މިސުވާލު އަނެއްކާ ގެންނާނެ ވާހަކަ ދަންނަވަން. ދެން މިގޮތަށް އެއްދުވަހުގެ ސުވާލު ނުކުރެވުނީމާ މުޅި ސުވާލުކުރުމުގެ މިއޮންނަ ތާވަލް ބަދަލުވެގެންދާނެ. ދެން ޢިއްޒަތްތެރި މެންބަރު ތިވިދާޅުވިހެން އަޅުގަނޑުމެން ހުރިހާ މަސައްކަތެއް ކުރާނަން ވަޒީރަށް ދަންނަވައިގެން ވީހާވެސް އަވަހަކަށް ޢިއްޒަތްތެރި މެންބަރުގެ މިސުވާލަށް ޖަވާބުދެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް. އެހެންވީމާ، އެކަންތައް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.